ހަށިގަނޑުގެ އެކި ގުނަވަންތައް އަކުނިވަޔަށް ދެމުމަކީ އަހަރުމެން ދިވެހިންނަށް ވެސް ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. ހަރަކާތްތެރިކޮށް އުޅޭ ވަގުތު ތަކުގައި އަކުނިވަޔަށް ދެމުން ގިނަ އެވެ. މި ލިޔުމުގައި މި ބަލާލަނީ ހަށިގަނޑުގެ ގުނަވަންތައް އަކުނިވަޔަށް ދަމާ ބައެއް ސަބަބުތަކަށެވެ.

ހަށިގަނޑުން ފެން މަދުވުން

އަކުނިވަޔަށް ދަމަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ގައިން ފެން މަދުވުމެވެ. ޚާއްސަކޮށް، އެކަށީގެންވާ މިންވަރަކަށް ފެން ނުބޯނަމަ ކަސްރަތު ކުރާއިރު އާއި އަތްވަށް ނުކުމެ އުޅޭ ވަގުތުތަކުގައި މާގިނައިން ދާހިއްލުމުން މި މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ހައިޕޮކްސިއާ

ރޭގަނޑު ދަންވަރު ކުއްލިއަކަށް އަކުނިވަޔަށް ދަމައިގަނެގެން ތެދުވެވޭ ހެއްޔެވެ؟ އެއީ ހައިޕޮކްސިއާގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. ހައިޕޮކްސިއާ އަކީ ލޭ ދައުރުވުމަށް ހުރަހެއް ކުރިމަތިވުމެވެ. މިހެން ވެއްޖެ ނަމަ، އަކުނިވަޔަށް ދަމާ ހިސާބުގައި ހޫނު ފެން ހަމެއް ނުވަތަ ހީޓް ޕެކެއް އަޅާށެވެ.

ގުދު ލައިގެން އިނުން

އިށީނދެގެން އިންނައިރު ރަނގަޅަށް އުނަގަނޑު ހިފަހައްޓައިގެން އެ އިންނަންޖެހޭ ގޮތަށް ނީންނަ ނަމަ އުނަގަނޑު ނުވަތަ ބުރަކަށި ފަދަ ތަންތަން ވެސް އަކުނިވަޔަށް ދަމާނެ އެވެ. ސަބަބަކީ އެ އިނދެވޭ ގޮތަކުން ހަށިގަނޑުގެ ވަކި ބަޔަކަށް ޕްރެޝަރު މާބޮޑުވެ އެބައިތަކަށް އޮކްސިޖަން ދަތުރުކުރާ ވަރު މަދުވެ މަސްތަކަށް ނިއުޓްރިއަންޓް ސަޕްލައި ނުކޮށްދޭތީ އެވެ.

ޕޮޓޭސިއަމް މަދުވުން

ޕޮޓޭސިއަމް މަދުވުމަކީ ވެސް އަކުނިވަޔަށް ދަމަން މެދުވެރިވާ ސަބަބެކެވެ. ޕޮޓޭސިއަމް މަދުވުމުން އިލެކްޓްރޯލައިޓްގެ ބެލެންސް ގެއްލެ އެވެ. ނަތީޖާއަކީ މަސްތައް އަކުނިވަޔަށް ދެމުމެވެ. ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވަން ދީފައި ހުންނަ ބޭސް ފަދަ ބައެއް ބޭހުން ވެސް އަކުނިވަޔަށް ދަމަން މެދުވެރި ވެ އެވެ. ސަބަބަކީ މިފަދަ ބޭހުން ވެސް އިލެކްޓްރޯލައިޓްގެ ބެލެންސް ގެއްލޭތީ އެވެ.