ފަސްޓް ރެސްޕޮންޑާސްގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް ފްރޮންޓްލައިން އެލަވަންސް ހަމަޖައްސަން ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހަޅައި، މަޝްވަރާކޮށްފި އެވެ.

ޑިފެންސް މިނިސްޓަރު މާރިއާ މުހަންމަދު ދީދީ ވިދާޅުވިގޮތުގައި ސިފައިންނަށް ފްރޮންޓްލައިން އެލަވަންސާ ހަމަޖެއްސުމާ ބެހޭ ކަންކަން ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހަޅައި، މިހާރު އެކަމަށް ހާއްސަ ކޮމެޓީއެއް ވަނީ އެކުލަވާލާފަ އެވެ.

މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް، ކޮމާންޑް ސާވިސް ކޯ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގް، ކޮމާންޑާ ނޮދަން އޭރިއާ ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފް، ކޮމާންޑާ ސަދަން އޭރިއާ ކާނަލް އިބްރާހިމް ރަޝީދު، އެޖުޓަންޓް ޖެނެރަލް ކާނަލް މުހައްމަދު އިބްރާހިމް، ކޮމާންޑާ މާލެ އޭރިއާ ކާނަލް އަހުމަދު ގިޔާސް، ކޮމާންޑަރު ސެންޓްރަލް އޭރިއާ ކަނަލް އިބްރާހިމް ޙިލްމީ، އަދި ކޮމާންޑް ކޯސްޓްގާޑް ކާނަލް މުހައްމަދު ސަލީމެވެ.

ސިފައިންގެ ފޮރޮންޓްލައިން އެލަވަންސާބެހޭ ކަންތައް ނިންމުމުގައި ސިފައިންގެ ހިޔާލާ މަޝްވަރާއަށް ރިއާޔަތްކޮށް ނިންމުން ނިންމުމަށް ކޮމެޓީގައި ދަންނަވާފައިވާނެ ކަމަށް މިނިސްޓަރު މާރިއާ ވިދާޅުވި އެވެ. އަދި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތުގައި ހުރިހާ ސިފައިންގެ މަސްލަހަތަށް ވިސްނައިގެން ފައިސާއާ ގުޅޭ އެންމެހައި ކަންތައް ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ

"އަޅުގަނޑު މިމައްސަލަ ލަފާދޭ މަޖިލީހަށް ގެންދިޔައިރު، އެމަޖިލީހުގައި ދަންނަވާފައިވާނީ، ސިފައިންގެ ޚިޔާލާ މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަައް. އަދި ހުރިހާ ސިފައިންގެ މަސްލަހަތައް ވިސްނައިގެން، އިންސާފްވެރިކަމާއެކު، ދެފުށްފެންނަ ގޮތެއްގައި، އެލަވަންސް ފައިސާޔާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދެވުމަށެވެ،" މާރިޔާ ވިދާޅުވި އެވެ.

ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ހިންގަވާ އޮޕަރޭޝަންތަކުގެ އެންމެ ކުރީ ސަފުގައި ދިވެހި އަސްކަރިއްޔަގެ ސިފައިން ފަސްނުޖެހި އެއްވެސް ވަރުބަލިކަމެއްނެތި ކުރައްވާ މަސައްކަތް ފާހަނގަކޮށް މިނިސްޓަރު މާރިއާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ،