އެކްޒީމާއަކީ އެކި އުމުރުފުރައިގެ މީހުންނަށް ދިމާވާ ހަމުގެ މައްސަލަ އެކެވެ. އެގޮތުން އެކްޒީމާ ހުންނަނަމަ، ހަންގަނޑު ކުރަކިވުމާއި ހިރުވުން އަދި ހަންގަނޑު ރަތްވުން ފަދަ މައްސަލަތައް ކުރިމަތިވާނެ އެވެ.

މިފަދަ އަލާމާތެއް ފެންނަ ނަމަ ކަމުގެ ހަގީގަތް ބެލުމަށް ވީހާ ވެސް އަވަހަކަށް ސިއްހީ އެހީތެރިއެއްގެ އިރުޝާދު ހޯދާށެވެ. އަދި އެއީ އެކްޒީމާ ކަމަށްވާނަމަ ލަސްނުކޮށް ފަރުވާކުރާށެވެ.

އެކްޒީމާ އަށް ފަރުވާކުރުމުގައި ދެ ގޮތެއް ހިޔާރުކުރެވިދާނެ އެވެ. އެއީ ޑޮކްޓަރީ ބޭސް ބޭނުންކުރުން ނުވަތަ ގުދުރަތީ ބައެއް ބާވަތްތައް ބޭނުންކޮށްގެން ގޭގައި ފަރުވާ ކުރުމެވެ.

އެގޮތުން މި ލިޔުމުގައި އެކްޒީމާއަށް ގޭގައި ދެވިދާނެ ބައެއް ފަރުވާތަށް ކިޔައިދޭނަމެވެ.

ކާށިތެޔޮ

ކާށިތެލަކީ، ހަންގަނޑު ހިރުވުމާއި އަދި ހިރުވުމުގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ ވޭން، ކުޑަ ކުރުމަށް އެހީތެރިވެދޭ ތެލެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް އާދަކޮށް އެއްފަހަރު ނަމަވެސް ހަށިގަނޑުގައި ކާށިތެޔޮ ހާކާށެވެ. ބޭނުންނަމަ ހަމުގެ ހަލާކުވެފައި ހުންނަ ތަންތަން ނުވަތަ އެކްޒީމާގެ އަސަރު ބޮޑުކޮށް ފެންނަން ހުންނަ ހިސާބުތަކުގައި އެކަނިވެސް އުނގުޅިދާނެއެވެ.

ރީނދޫ

އެންޓި އިންފްލިމޭޓަރީ އަދި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސް އެކުލެވޭ ރީނދުލަކީ ވެސް އެކްޒީމާއަށް ފަރުވާ ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ރީނދޫކޮޅަކާއި ފެންފޮދެއް އެއްކޮށްލުމަށްފަހު އެކްޒީމާގެ އަސަރުކޮށްފައި ހުންނަ ހިސާބުތަކުގައި އުނގުޅާށެވެ.

ސްޓްރެސް ކުޑަ ކުރުން

މާ ބޮޑަށް ސްޓްރެސްވުމަކީ ވެސް އެކްޒީމާގެ ހާލަތު އިތުރަށް ގޯސްކުރުވާނެ ކަމެކެވެ. އެހެންކަމުން އަބަދުވެސް ސްޓްރެސް ކުޑަކުރުމަށް ނުވަތަ ސްޓްރެސް ނުވުމަށް މަސައްކަތް ކުރާށެވެ.

މެގްނީސިއަމް

މެގްނީސިއަމް އެއްކޮށްފައި ހުންނަ ފެނުން ފެންވެރުމަކީ ހަންގަނޑަށް އަރާމު ލިއްބައިދޭނެ ކަމެކެވެ. އަދި އެއީ އެކްޒީމާ ފަސޭހަކުރުމަށް މަގުފަހިކޮށްދީ އެކްޒީމާ ޖެހިފައިވާ މީހުން ވެސް އަރާމުކޮށްދޭނެ ކަމެކެވެ.

އެގޮތުން ފެނަށް ދެ ޖޯޑު އެޕްސަމް ސޯލްޓު ނުވަތަ މެގްނީސިއަމް ފްލޭކްސް އާއި ބައި ޖޯޑު ހިމާލިޔަން ނުވަތަ ސީ ސޯލްޓު، ބައި ޖޯޑު ގުދުރަތީ ވެނީލާ އެކްސްޓްރެކްޓު، އަދި 15 ތިކި އެސެންޝިއަލް އޮއިލް އަޅައި އެ ފެނުން ފެންވަރާށެވެ.