ދެކުނު އޭޝިއާ ސަރަހައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓާގެ އަސާސްތައް ނެގެހެއްޓުމަށް އާ ބާރެއްލައިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިގޮތަށް އެދިވަޑައިގެންފައި ވަނީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖެއްގަ އެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި ވަނީ، ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކަށާއި ސާކްގެ މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސް ކުރައްވައިފަ އެވެ.

"ސާކް ޗާޓާ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

ރައީސްގެ މެސެޖުގައި، ދެކުނު އޭޝިއާގެ ސަރަހައްދީ ގުޅުންތަކާގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އެމަނިކުފާނު ވަނީ، ސަރހަައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ، ދެކުނު އޭޝިއާ ސަރަހައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓާގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.