ކޮވިޑާ ގުޅިގެން އިގްތިސާދަށް ދިމާވި ގެއްލުންތަކުން އަރައިގަނެ، ގައުމުން އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރިގޮތަށް ބަލާއިރު، އިގްތިސާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީއެންމެ އަވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިޔުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރިގޮތަށް ބަލާއިރު، އިގްތިސާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ. ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ޙާލަތަށް އެނބުރި ދިއުމަށްޓަކައި، އިގްތިސާދު ސިންދަފާތުކޮށް އިގްތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ވާނީ މަސައްކަތް ފަށާފައި،" ރައީސް ވިދާޅުވި އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން މަޖިލީހަށް މިއަދު ވަޑައިގަންނަވަނީ. ފޮޓޯ: މަޖްލިސް

ރައީސް ސޯލިހު ވިދާޅުވީ ޓޫރިޒަމް އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރާއިރު، މި ސިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ވަނީ ބީލަމަށް ހުޅުވާލައިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރިގޮތަށް ބަލާއިރު، އިގްތިސާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ. ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ޙާލަތަށް އެނބުރި ދިއުމަށްޓަކައި، އިގްތިސާދު ސިންދަފާތުކޮށް އިގްތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ވާނީ މަސައްކަތް ފަށާފައި،
ރައީސް

ރައީސް ވިދާޅުވީ މިހާރު ތަރައްގީކުރަމުން އަންނަ ރިސޯޓްތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5،062 އެނދު މާކެޓަށް ނެރެވޭނެ ކަމަށެވެ. އަދި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ މި ރިސޯޓުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9،000 ވަޒީފާ މި އަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވަވާއިރު މަޖިލީހުގެ މެމްބަރުތަކެއް އަޑުއައްސަވަނީ. ފޮޓޯ: މަޖްލިސް

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވެސް އަދި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމުގައި ވެސް، ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ރައްކާތެރިކަން އެއްކީލިކުރުމަށް، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

"މާލޭގައި މިހާރު ޤާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ އަހަރުވަނީ ނިމިފައި. އެބަނދަރު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަހަރު ފެށުމަށް މިއަންނަނީ ތައްޔާރުވަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ހަމައެއާއެކު، މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ ޢަމަލީ މަސައްކަތް ވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސްތެރޭގައި ފެށިގެންދާނެ."

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، އާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކޮށްދެއްވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަން ތައްޔާރުވެގެން. ފޮޓޯ: މަޖްލިސް

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ކަނޑާލާފައިވާ ކަމަށެވެ. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ހަ ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މިފްކޯއަށް މިދިޔަ އަހަރު، 49،000 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.