ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން އާއްމުން ފާޑުކިޔަން ފެށުމުން މުސާރަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ނުކުރައްވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ނިންމުމާ ގުޅިގެން އާއްމުގެ ފާޑުކިއުންތަކަށް ރައްދު ދިނުމުގެ ގޮތުން ތަރުޖަމާނު މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށެވެ. އަދި އެއީ ރައީސް މުއިއްޒު ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން،" ތަރުޖަމާނު ޝަހީބު ވިދާޅުވި އެވެ.

ރާއްޖެ ވަރަށް ބޮޑަށް ދަރަނިވެފައި އޮއްވައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނޭ ހެން ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަތައް ބޮޑު ކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ އިއްޔެ އެވެ. މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް މަޖިލިހުން ފާސް ކުރި ބަޖެޓުގައި ވެސް އޮތީ ހިމަނައިފަ އެވެ. ކޮމިޓީން މިގޮތަށް ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ 2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައިލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެ ކަމަށެވެ.

"އެކަން އަދުގެ މާލީވަޒީރަށް އެނގިލައްވާނެ. އޭގެ ތެރެއިން އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލިސް އަށް. އޭގެ ތެރޭގައި، ރޖ، ނ ރައީސް، މަޖިލިސް ރައީސް އަދި ނ ރައީސް، އުއްތަމަ ފަނޑިޔާރު، މަޖިލިސް މެމްބަރުން، ވަޒީރުން، ގަވަަނާރ، އޭޖީ، ޕީޖީ، ފަނޑިޔާރުން، ޤާޟީން، މެޖިސްޓްރޭޓުން، ވަޒީރުން، މޭޔަރުން، ރަށުރައީސުން، ކައުންސިލްތަކުގެ މެމްބަރުން، މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުން، ނައިބުން، މެމްބަރުން، އަދިވެސް އިތުރު ބައެއް ފަރާތްތައް. އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމުގައި ގަބޫލުކުރަން އަދި މިއަދި މިކުރެވުނީ އެމަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މަގާމްތައް އެތުރިފައިވާ ގޮތަށް ރިއާޔަތްކުރެވިފައި ވާނެ ކަމަށެވެ. އަދި އެކި މަގާމުތަކަށް ކުރިއެރުން ލިބިފައިވާ ޕަސެންޓާ މެދު ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަށް ހިޔާލު ވެސް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަހުސް ހިންގޭނެ، ތަޅުމުގައި އިސްލާހުވެސް ހުށަހެޅޭނެ. އަދި މިއިން ކޮންމެ ނިންމުމެއް ވެސް ފާސްވާނީ ތަޅުމުން. މިމަސައްކަތަކީ އެމްޑީޕީގެ މެމްބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ވިސްނަދެއްވަން އުޅުއްވުމަކީ ދެރަކަމެއް،" ޔާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސާރަ ބޮޑުކުރަން އެމްޑީޕީގެ މެމްބަރުން ބޭނުންވި ނަމަ މިކަން ކުރާނީ 2020 އަހަރު ކަމަށެވެ.

"ދައުރު ނިމެން ވީމައި ނޫން ދެއްތޯ؟ ޕީއެންސީއިން މަޖިލިސްއަށް އަލަށްވާދަ ކުރައްވާ ބޭފުޅުންނަށް ދަންނަވާލަން، ރައްޔިތުންގެ މަޖިލިސްއަށް މެންޑޭޓް ކުރެވިފައިވާ މަސައްކަތްތައް ރަނގަޅަށް ކުރުމަށް ނިޔަތް އޮތްނަމަ ވިސްނައިގެން ވައުދުވެލައްވާތި. އަދި ސަރުކަަރުން ޕޭހަަމަނައިޒޭޝަންގެ މަސައްކަތް ނިންމަވާ، ދައުލަތުގެ ދެންތިއްބެވި މުވައްޒަފުންގެ މުސަަރާތަކަށް އެބަދަލު އަވަހަށް ގެނެސްދެއްވުމަށް ގޮވާލަން،" ޔާސިރު ވިދާޅުވި އެވެ.