ގ. ސިނަމާލެ، ޒައިދާން މުހައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ޒައިދާންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ހުރުމާ ގުޅިގެން އިތުރު މީހުންގެ އަތުން ވެސް ފައިސާ ނަގާފައިވޭތޯ ބެލުމަށް ބޭނުންވާ ކަމަށެވެ.
މިފަދަ މައުލޫމާތެއް ދޭން ބޭނުންވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
ޒައިދާން ވަނީ ގިބަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދައިފަ އެވެ. ޒައިދާން މަޅީގައި ޖެހުނު މީހުން ވަނީ މި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
ސޯޝަލްމީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި ޒައިދާން ވަނީ ބައެއް މީހުންގެ އަތުން އެޕާޓްމަންޓް ކުއްޔަށް ނެގުމަށްފަހު އެތަންތަނުގައި ހުންނަ އަގު ބޮޑު މުދާވެސް ވެރިފަރާތަށް ނޭނގި ވިއްކާލައިފަ އެވެ. އަދި ބައެއް އެޕާޓްމަންޓް ކުއްޔަށް ނެގުމަށްފަހު އެ ތަން އެކި މީހުންނަށް ކުއްޔަށް ދީގެން އެޑްވާންސް ފައިސާ ވެސް ހޯދާފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.
މިފަދަ އެތައް މައްސަލައެއްގައި ޒައިދާން ވަނީ އެތައް ފަހަރަކު ފުލުހާ ހަވާލުކޮށްފަ އެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ވީއްލި އަލުން އެ ޖަރީމާ ހިންގަން ފަށަ އެވެ.