ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށް މެންބަރުންނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
"ނަމަވެސް ޖަލްސާއެއްގެ އެޖެންޑާ އަދި ފައިނަލް ނުވާތީ އެޖެންޑާ އަދި ސެޓްކޮށްފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހަށް ވަނީ ނިމިފަ އެވެ. ނަމަވެސް މަޖިލީހުގެ މުހިއްމު ބައެއް މަސައްކަތްތައް ހުރުމުން މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ތިން ފަހަރަށް އިތުރުކުރި އެވެ. އެންމެ ފަހުން ދައުރު އިތުރުކުރި މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
އެންމެ ފަހުން މަޖިލީހުގެ ދައުރު ދިގުދަންމާލީ މިއަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރަން ހުށަހަޅާފައިވާތީއާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާއި ސަރުކާރުގެ އިދާރާތަކުގެ އޮނިގަނޑު ފާސްކުރަން ހުށަހަޅާފައިވާތީ އެ މައްސަލަތަކުގައި ގޮތެއް ނިންމުމަށެވެ.
ދައުލަތުގެ ބަޖެޓް މިމަހުގެ 13 ވަނަ ދުވަހު ފާސްކުރި ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމާ މަޖިލީހުގެ ރިޔާސަތަށް ފޮނުވުމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިމަހުގެ 18 ވަނަ ދުވަހު އޮތް ޖަލްސާގައި މަސައްކަތް ކުރި އެވެ.
ނަމަވެސް ސަރުކާރުގެ އިދާރާތަކުގެ އޮނިގަނޑު ފާސްކުރަން މަޖިލީހަށް އޭރު ފޮނުވާފައި ނުވާތީ އެ ދުވަހު ވަޒީރުންނަށް ރުހުން ދެވޭ ގޮތެއް ނުވި އެވެ. މަޖިލީހުގެ ރިޔާސަތުން އެ ދުވަހު ނިންމެވީ ވަޒީރުންނަށް ރުހުން ދިނުން ފަސްކޮށް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އާއި ސަރުކާރުގެ އިދާރާތަކުގެ އޮނިގަނޑުގެ މައްސަލަ އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނޭ ބައެއް މެންބަރުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ކޮމިޓީގެ ކޯރަމް ހަމަނުވާތީ ކޮމިޓީ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރާނެތޯ އަދި އޮތީ ސުވާލެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވަނީ ކޮންމެ ވަޒީރަކަށް ވަކިވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށެވެ.
އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުން ފަސްކުރަމުންދާތީ އާންމުންގެ ފާޑުކިޔުން އެ ޕާޓީގެ މެންބަރުންނަށް ވަނީ އަމާޒުވެފަ އެވެ.
މަޖިލީހުގެ މި ދައުރު ނިންމާ މެންބަރުން މާދަމާ ޗުއްޓީއަށް ދާއިރު މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ދައުރެވެ. އެއަށްފަހު ދެން ފަށާނީ އަންނަ އަހަރު އިންތިހާބު ކުރާ މަޖިލިސް މެންބަރުންނާ އެކު 20 ވަނަ މަޖިލީހެވެ.