ރަންގޫން (4 ފެބްރުއަރީ) - މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގައި ފޭސްބުކް ބޭނުން ނުކުރެވޭ ގޮތަށް ބްލޮކްކޮށްފި އެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނީ މިޔަންމާގައި ފޭސްބުކް ބޮލޮކް ކުރަންޖެހުނީ ގައުމުގެ ހަމަނުޖެހުން ނަގާލަން ބަޔަކު މަސައްކަތްކުރާތީ އެކަންކަން ހުއްޓުވުމަށާއި އަދި ގައުމުގެ ހަމަޖެހުމަށް ކަމަށެވެ.

މިޔަންމާގެ 54 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ފޭސްބުކް ބޭނުންކުރާ ކަމަށް އޮފިޝަލުން ބުންޏެވެ. އަދި ގިނަ ބަޔަކު ފޭސްބުކް ބޭނުންކުރަނީ މިޔަންމާގައި ހެޔޮއަގުގައި އެޕްލިކޭޝަން ބޭނުންކުރެވޭ ގޮތްތަކައް ފޭސްބުކުން އިންތިޒާމް ކޮށްފައިވާތީވެ އެވެ.

ފޭސްބުކް ވެގެން ގޮސްފައިވަނީ މިޔަންމާގެ ގިނަ ބަޔަކަށް ހަބަރާއި އެހެނިހެން މައުލޫމާތު ހޯދުމުގެ އެންމެ މުހިންމު ވަސީލަތަށެވެ. އަދި މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން މުޒާހަރާތަކާއި އެއްވުންތައް އިންތިޒާމްކުރުމަށް ވެސް ފޭސްބުކް ބޭނުންކުރެ އެވެ.

މިޔަންމާގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން މިނިސްޓްރީން ބުނިގޮތުގައި ފޭސްބުކް ފެބްރުއަރީ ހަތްވަނަ ދުވަހާ ހަމަޔަށް ބޭނުންނުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. ނަމަވެސް އެހެނިހެން އެޕްތަކާއި އަދި ވީޕީއެން ބޭނުންކޮށްގެން ފޭސްބުކް ބޭނުންކުރެވޭ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

މިޔަންމާގެ ޓެލެކޮމް ކޮމްޕެނީ ޓެލެނޯ މިޔަންމާ އިން ވަނީ ސަރުކާރުން އެދުނު ގޮތަށް ފޭސްބުކް ބޮލޮކްކުރާނެ ކަމަށާއި އެހެންނަމަވެސް މިއީ އިންސާނީ ހައްގުތަކުގެ ގާނޫނާއި ހިލާފްއަމަލެއް ކަމަށެވެ. މިޔަންމާގެ ގިނަ ދަރިވަރުންނާއި އިދިކޮޅުން ވަނީ މިކަން ކުށްވެރިކޮށް މިއީ ރައްޔަތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުންކަމަށް ހާމަކޮށްފަ އެވެ.

ބަޣާވާތާ ގުޅިގެން އެހާ ވަރުގަދަ މުޒާހަރާތަކެއް އަދި ކޮށްފައި ނުވެ އެވެ. ނަމަވެސް މަދުބަޔަކު ނިކުމެ ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި އެ މީހުން ވަނީ ބަޣާވާތާ ދެކޮޅުކަމާއި، އެ ގައުމުގެ ލީޑަރު އަންގް ސަން ސޫކީ އަބުރާ ގެނައުމަށް ގޮވާލާފަ އެވެ.

މިއާ ހިލާފަށް ބަޣާވާތަށް ސަޕޯޓްކޮށް މިޔަންމާގެ ވެރިރަށުގައި ވަނީ ގިނަ ބަޔަކު އެއްވެ ހިނގާލުމެއް ބާއްވާފަ އެވެ. މި ހިނގާލުމުގައި އަސްކަރިއްޔާއަށް ޝުކުރު އަދާކޮށް، ޝުއޫރު ފާޅުކޮށްފައިވާ ބެނާތައް ބޭނުންކޮށްފައިވެ އެވެ.

މިޔަންމާގެ ބަގާވާތަށް ސަޕޯޓްކޮށް ބޭއްވުނު ހިނގާލުމުގެ ތެރެއިން

މިދިޔަ އަހަރު ބޭއްވުނު އާންމު އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީ އާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އިސްވެރިންތައް ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ގައުމުގައި އެއް އަހަރު ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސަރުކާރުގެ ބާރުތަކާއި ސިފައިން ވަނީ ހަވާލުވެފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ގެނައި ބަގާވާތާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުންނާއި، އެކިއެކި ޖަމާއަތްތަކުން ވަނީ މިކަން ކުށްވެރިކޮށް ޑިމޮކްރަސީގެ އުސޫލުތަކަށް ބޯލަނބައި ގައުމުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމްކުރުމަށް ގޮވާލާފަ އެވެ. – ބީބީސީ