ގިނަ ބަޔަކު ވަޒީފާއިން ޗުއްޓީ ނެގީ އާ އަހަރާ ގުޅިގެން ލިބޭ ޗުއްޓީއާއި ސްކޫލު ބަންދުގެ ޗުއްޓީގައި ރަށުން ބޭރަށް ދާށެވެ. ޗުއްޓީ ނުލިބުނު މީހުން ރޭވީ ރަށުގައި ތިބެގެން އާ އަހަރުގެ ފެށުން ފާހަގަ ކުރާށެވެ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު މުބާރާތްތައް ރޭވުނެވެ. މިއުޒިކް ޝޯތައް ބޭއްވުނެވެ. އާއިލީ ފެންވަރުގައި ދަތުރު ދިއުމަށާއި ބާބަކިއުތައް ބާއްވަން ވާހަކަ ދެކެވުނެވެ.

އެހެން ނަމަވެސް ވީ ކިހިނެއް ހެއްޔެވެ؟ މިދިޔަ އަހަރުގެ ފަހު ދުވަސްތައް ވެގެން ދިޔައީ ވިއްސާރަ މޫސުން ގޯސް ދުވަސްތަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ އެންމެންގެ ރޭވުންތައް "ފެނަށް" ދުއްވާލި ދުވަސްތަކަށެވެ.

ޗުއްޓީގައި މާލެއިން ރާއްޖޭގެ ރަށްރަށަށް ދިޔަ މީހުން ތިބެން މިޖެހުނީ ގޭބަންދެއްގަ އެވެ. ބޯ ވިއްސާރައިގައި ކުރެވޭނެ ކަމެއް ނެތި ފޫހިވެފަ އެވެ.

މާލެ ސަރަހައްދުގައި ތިބި މީހުންގެ ހާލަތު އެއަށްވުރެ ގޯހެވެ. އާ އަހަރު މި ފެށުނީ މުޅި މާލެ ފެނުއަޑީގައި އޮވެގެންނެވެ. އާ އަހަރު ފާހަގަ ކުރުން އެއް ފަރާތްކޮށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ވެސް ނުފުދި އެވެ.

ކޮންމެއަކަސް އާ އަހަރު ފެށިއްޖެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ މޫސުން ގޯސްކޮށް އުޅޭނެ ކަމަށް ލަފާކުރެވޭތީ އާ އަހަރުގެ ރޭވުންތައް ދާނީ ފެނަށް ކަމުގައި ބުނެވިދާނެ އެވެ.