ކަން ދިމާކުރި ގޮތުން މި އަހަރުގެ ފެށުން ވެގެން ދިޔައީ މުޅި ރާއްޖެއަށް މޫސުން ގޯސް ވިއްްސާރަ ދުވަސްވަރަކަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ގިނަ ބަޔަކު ރޭވި ރޭވުންތައް ކެންސަލް ކުރަން ޖެހި ގޭގައި ތިބެން ޖެހުމެވެ. މި ލިޔުމުގައި މި ބަލާލަނީ މި ފެށުނު އާ އަހަރު ފާހަގަ ކުރުމަށްޓަކައި ގޭގައި ތިބެގެން ވެސް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އާ އަހަރުގެ އަޒުމް ކަނޑައެޅުން

މި ފެށޭ އަހަރު ތިބާގެ ދިރިއުޅުމަށް ގެންނަން ބޭނުންވާ ބަދަލުތަކަކީ ކޮބާތޯ ވިސްނާ އެކަންކަކް ބަދަލު ކުރުމުގެ އަޒުމް ހިތުގައި ކަނޑައަޅާށެވެ. "ރިޒޮލިއުޝަންސް"ގެ ގޮތުގައި ބޭނުންވާ ކަންކަން ރާވާލައި އެކަންކަމާއެކު ތިބާގެ ދިރިއުޅުން ބައްޓަން ކުރާނެ ގޮތަކާމެދު ވިސްނާށެވެ.

އާއިލާއާއެކު ވަގުތު ހޭދަކުރުން

އަހަރު ތަރޭގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތުތައް ވަރަށް މަދުވާނެ އެވެ. އެހެން ކަމުން އާ އަހަރުގެ މުނާސަބަތަކީ ދުރުގައި ތިބި އާއިލާއާ ގުޅާލާއި އެކަކު އަނެކަކުގެ ވާހަކަތައް ހިއްސާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން ލިބޭ ފުރުސަތެއް ކަމުގައި ހަދާށެވެ.

ޑައިރީ/ ޖާނަލްއެއް ލިޔަން ފެށުން

ޑައިރީ ޖާނަލްއަކީ އަހަރު ތެރޭގައި ތިބާ ކުރާ ތަޖުރިބާތައް ފޮޓޯއާއި ލިޔުމުގެ ގޮތުގައި ރައްކާކޮށް ބެހެއްޓޭނެ ފޮތެކެވެ. 2022 ވަނަ އަހަރަކީ ފާހަގަ ކުރެވޭ އަހަރަކަށް ހެދުމަށްޓަކައި މިފަދަ ފޮތެއް ތައްޔާރުކޮށް އެފޮތުގައި އާ އަހަރަށް ކަނޑައެޅި އަޒުމްތަކާއި ލަނޑުދަނޑިތައް ލިޔާށެވެ. އަދި އަހަރު ތެރޭގައި މި ފޮތް ފުރިހަމަ ކުރަމުން ގެންދާށެވެ.