އެންމެންނަކީ ޑޮކްޓަރަށް ދައްކައިގެން ބޭސް ކާން ބޭނުންވާނެ ބައެއް ނޫނެވެ. އެމީހުން ބަލާނީ ސިއްހަތަށް ރަނގަޅު ގޮތެއްގައި އެކަމަށް ފަރުވާއެއް ހޯދޭތޯ އެވެ. އެގޮތުން ކެއުމަށް ބޭނުންވާ އެކި ބާވަތްތަކުން ސިއްހީ މައްސަލަތަކަށް ހޯދިދާނެ ފަރުވާ މި ލިއުމުގައި ހިމަނާލަމެވެ.

އަރިދަފުސް ރޯގާ

ރޯގާޖެހި ކެއްސާނަމަ ½ ލީޓަރު ކިރަށް 6 ކަދުރު (އޮށް ނަގާފައި) ލައިގެން 25 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާށެވެ. އަދި މިއިން ކޮންމެ ދުވަހަކު ތިން ޖޯޑު ބޯށެވެ.

ވައިގެ އުނދަގޫތައް

ބަނޑުގައި ގޭސް ހެދޭނަމަ ކޮންމެ ފަހަރަކު ކެއުމަށްފަހު ކަރަންފުލެއް ކާށެވެ. ކަރަންފުލުގައި ހިމެނޭ އެންޓިއޮކްސިޑަންޓްސްގެ ސަބަބުން ވައި ހެދުމުން ދުރުކޮށްދެ އެވެ.

ހަމުގެ މައްސަލަތައް

ކިއުކަމްބާއަކީ ހަމަށް ފައިދާ ހުރި އެއްޗެކެވެ. އެގޮތުން ހަމުގައި ރޫޖެހުމާއި ބްލެކްހެޑްސް ފިލުވާލުމަށް ކޮންމެ ދުވަހަކު 15 މިނެޓް މޫނުގައި އަދި ކަރުގައި ކިއުކަންބާ ހާކާށެވެ.

ކެއްސުން

ކެއްސާނަމަ ފިޔާވެސް ބޭނުން ކުރެވިދާނެ އެެވެ. އެގޮތުން ކުޑަ ހަ ފިޔާ ކުދިކުދިކޮށް ކޮށުމަށްފަހު ތައްޓަކަށް އަޅާށެވެ. އަދި އެއަށް ހަތަރު ސަމުސާ މާމުއިތް އެޅުމަށްފަހު އާވިން މަޑު ގިނީގައި ދެ ގަޑި އިރު ހޫނު ކުރާށެވެ. މިބޭސް ބޭނުން ކުރަން ވާނީ ކޮންމެ ތިން ގަޑިއިރަކުން އެއް ސަމުސަލެވެ.

މައިގްރޭން

ކޮންމެ ދުވަހަކު ހުސް ބަނޑާ ހުރެ ހެނދުނު އާފަލެއް ކާނަމަ މައިގްރޭން ހުންނަ މީހުންނަށް އެކަމުން އަވަސް ލުޔެއް ލިބިގެންދާނެ އެވެ.