ހެންރީ ޑާރްބީއަކީ ނޯތް ޗާލްސްޓަން ހައި ސްކޫލްގެ ޕްރިންސިޕަލެވެ. ޕްރިންސިޕަލެއްގެ ޒިންމާ އަދާކުރުމާއެކު މިއީ ނަމޫނާ ދައްކަމުންދާ ޕްރިންސިޕަލެކެވެ.
އޭނާ ދަނީ ކޮންމެ ރެއަކު ނައިޓް ޝިޕްޓްގައި ފިހާރައެއްގައި މަސައްކަތް ކުރަމުންނެވެ. މިއީ އެއްގޮތަކަށް ވެސް އަމިއްލައަށް އިތުރު ފައިސާ ހޯދުމަށް ހެންރީ ކުރާ ކަމެއް ނޫނެވެ. އެ މަސައްކަތުން ލިބޭ ހުރިރާ ފައިސާއެއް އޭނާ ހަރަދު ކުރަނީ މާލީ ހާލަތު ދަށްވެ ބިލްތައް ނުދެއްކޭ ކުދިންނަށް އެހީވުމަށެވެ.
ހެންރީގެ ވާހަކަ މީހުންނަށް އެނގި، މީޑިއާތަކުން އެ ވާހަކަ ކަވާ ކުރަން އުޅުމުން ހެންރީ ބުނެފައިވަނީ ތައުރީފުގެ މެސެޖުތައް އޭނާ ބޭނުމެއް ނުވާ ކަމަށެވެ. އަދި އޭނާ ކުރާ މަސައްކަތް ކުރަނީ މަޝްހޫރުވާން ނޫން ކަމަށް ވެސް ބުނެ އެވެ.
ހެންރީ މަސައްކަތްކުރާ ސްކޫލްގެ 90 އިންސައްތަ ކުދިންނަކީ ޕަވަޓީ ލައިންއަށް ވުރެ ދަށުގައި ތިބި ކުދިންނެވެ. ޖެހިލުމެއް ނެތި އޭނާއަށް ވޯލްމާޓްގެ ޔުނިފޯމް ލާން ކެރުނީ ވެސް އެހެންވެގެންނެވެ.
"އަހަންނަށް އެނގޭ އޭގެ ތެރެއިން ބައެއް ކުދިން ބްރިޖް ދަށުގައި ނުވަތަ ކާރެއްގެ ތެރޭގައި ނިދާކަން. އަދި ބައެއް ފަހަރު މައްސަލައެއް ދިމާވެގެން ކުދިންގެ ގެއަށް ދާއިރު ގޭގައި ދޮރުފޮއްޗެއް ނުހުރޭ. ބިންމަތީގައި އޮންނަނީ އެންމެ ގޮދަޑިއެއް އަޅާފައި. އެ މަންޒަރުތައް ފެނުމުން ވަރަށް ހިތަށް އަސްރުކުރޭ،" ހެންރީ ބުންޏެވެ.
"އެމީހުންނަށް އެހީ ބޭނުންވޭ. އެކަމަކު އެއްވެސް މީހަކު އެހީ ބޭނުންވާ ކަމަށް ނުބުނާނެ. އެހެން ކަމުން ދެން ޖެހޭނީ ކުރެވެން އޮތް ކަމެއް ކުރަން،"
މި މަސައްކަތް ފެށި އިރު އެއްވެސް މީހަކަށް އޭނާ އަކީ ޕްރިންސިޕަލެއްކަން އެނގެން އޭނާ ބޭނުމެއް ނުވި އެވެ.
އެ ފިހާރައިގެ މެނޭޖަރަށް ވެސް އޭނާ އަކީ ޕްރިންސިޕަލެއްކަން އޭރު ނޭނގެ އެވެ. އެހެން ނަމަވެސް އޭނާގެ ތޫނުފިލިކަމުން މާ ގިނަ ދުވަސް ވަންދެން އެކަން ސިއްރުކޮށްފައި ނުބޭއްވުނެވެ.
"އަހަރެމެން ވަރަށް އުފާވޭ މިސްޓަ ޑާބީ އަހަރެމެންނާ އެކީ މަސައްކަތް ކުރާތީ. އޭނާ އަކީ އަބަދުވެސް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހެއް،" ވޯލްމާޓްގެ ސްޓޯ މެނޭޖާ ސިންތިއާ ސޮލޮމަން ބުންޏެވެ.
ހެންރީގެ އުންމީދަކީ އޭނާގެ ދަރިވަރުން ވެސް އޭނާގެ ފިޔަވަޅުމަތިން ގޮސް އެހެން މީހުންނަށް އެހީތެރިވާ ބަޔަކަށް ވުމެވެ.