އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމި ނިންމުންތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

މިކަމާ ގުޅޭގޮތުން މަރުހަބާ ކިޔުއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ އިސްރާއީލުން ގާޒާގައި ހިންގާ ގަތުލުއާންމު ހުއްޓާލަންޖެހޭ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށެވެ.

"އިޒްރޭލުން ގާޒާގައި މީހުން ގަތުލުރުކުން ހުއްޓައި ވަގުތުން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ރާއްޖެއިން ގަބޫލުކުރަން. ކޮންމެ އިންސާނީ ފުރާނައެއްގައި ވެސް އަގެއް އޮންނާނެ، އެ ހިމާޔަތް ކުރަން ޖެހޭ. ބޮމުގެ ހަމަލާތަކާއި، ގެދޮރު ގެއްލުމާއި، ނަސްލީ ތަފާތުކުރުންތަކުން ހަމަޖެހުމެއް ނުލިބޭނެ," އެކްސްގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަގީގީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ވިދާޅުވީ އައިސީޖޭގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަމުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ހާމަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދެކުނު އެފްރިކާއިން ހަނގުރާމަ ހުއްޓާލުމަށް އަމުރުކޮށްދޭން އެދިފައިވީނަމަވެސް އެފަދަ އަމުރެއް އައިސީޖޭއިން ނުނެރުނެވެ. އެކަމަކު ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ވަގުތުން ހަމަޖައްސައިދިނުމަށް އަމުރުކުރި އެވެ. އޭގެ އިތުރުން ނަސްލު ނައްތާލުމާ ގުޅޭ އެންމެހާ އަމަލެއް ހުއްޓާލައި އެ ކަމުގެ ހެކިތައް ފޮހެލުން ހުއްޓާލުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

މީގެއިތުރުން އައިސީޖޭގެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރާ ގޮތާ ގުޅޭ ރިޕޯޓެއް ހުށަހެޅުމަށް އިސްރާއީލަށް އެއް މަސް ދުވަހުގެ މުހުލަތެއް އެ އަމުރުގައި ދީފައިވެ އެވެ.