ދިވެހި ގޭބިސީތަކުގައި ޕްލާސްޓިކް ތަށިތަކުގައި ކާނާ ރައްކާކުރުމާއި ކެއުމަކީ ވަރަ އާއްމު ކަމެކެވެ. މާބޮޑު ސަމާލުކަމެއް ނުދީ ކުރެވޭ މިކަމަކީ ހަގީގަތުގައި ތިބާއާއި ތިބާގެ އާއިލާގެ ސިއްހަތު ނުރައްކަލަށް ހުށައެޅިގެންދާ ކަމެކެވެ.
މިފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ހޫނުކޮށް ހުންނަ ކާބޯތަކެތި ޕްލާސްޓިކު ތަށީގައި ކެއުމަކީ އިންސާނާގެ ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވާ ކަމެކެވެ. ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން ކިޑްނީގައިވާ ހޮޅިތައް ބެދި ކުޑަކަމުދާތަކެތި އުފެއްދުމަށާއި ހަށިގަނޑުން ކުޑަކަމުދާ ތަކެތި ބޭރުކުރުމަށް ހުރަސްއެޅެ އެވެ. އަދި ބައެއް ހާލަތްތަކުގައި ކިޑްނީގެ މަސައްކަތް އެއްކޮށް ހުއްޓި އިންސާނާގެ ފުރާނައަށްވެސް ނުރައްކާވެ އެވެ.
މިދިރާސާ ކުރިއަށް ގެންދިޔައީ ދިރާސާގެ ބައިވެރިން ދެބަޔަކަށް ބަހާލައިގެންނެވެ. އެއްބަޔަކަށް ކެއުމަށްޓަކައި ޕްލާސްޓިކު ތަށި ދިންއިރު އަނެއްބަޔަށް ދީފައިވަނީ މުށި ތަށްޓެވެ. ދިރާސާ ފެށިތާ 3 ހަފްތާފަހުން ޕްލާސްޓިކު ތަށީގައި ކަމުންއައި ބައިވެރިންނަށް މުށިތަށީގައި ކާން ދެވުނުއިރު މުށި ތަށީގައި ކަމުން އައި ބައިވެރިންނަށް ވަނީ ކެއުމަށްޓަކައި ޕްލާސްޓިކު ތަށިދީފަ އެވެ. ދެގޮތަށް ވެސް ބައިވެރިންގެ ކުޑަކަމުދާ ތަކެތި ނެގުނެވެ.
މި ދިރާސާގައި ނެގުނު ކުޑަކަމުދާތަކެތީގެ ޓެސްޓުތަކުގެ ނަތީޖާއިން ހާމަވި ގޮތުގައި، ޕުލާސްޓިކު ތަށީގައި ކެއި ބައިވެރިންގެ ކުޑަކަމުދާތަކެތީގައި ޕްލާސްޓިކުގެ ބާވަތެއްކަމުގައިވާ 'މެލަމިން' ހުރި މިންވަރު މުށި ތަށީގައި ކެއި ބައިވެރިންނަށްވުރެ އިތުރެވެ. މިގޮތުން ޕުލާސްޓިކު ތަށީގައި ކެއި ބައިވެރިންގެ ކުޑަކަމުދާތަކެތީގައި 8.35 މައިކްރޯ ގްރާމް މެލަމިން ހުރީއިރު މުށި ތަށީގައި ކެއި ބައިވެރިންގެ ކުޑަކަމުދާތަކެތީގައި ހުރީ އެންމެ 1.3 މައިކްރޯ ގްރާމް މެލަމިންނެވެ.
މާބޮޑަށް ހޫނު ކާތަކެތި ޕްލާސްޓިކު ތަށްޓަށް އެޅުމުން އެ ތަށީގައިވާ މެލަމިން ކާއެއްޗެއްސާ އެކުވުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި ގިނަ ދުވަސްވެފައިވާ ޕްލާސްޓިކް ތަށީގައި ކެއުމަކީވެސް މެލަމިން ކާއެއްޗެއްސާ އެކުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
އެހެން ނަމަވެސް މި ދިރާސާވެރިން ފާހަގަކުރަށްވާފައިވާ ގޮތުގައި ހޫނު ކާތަކެތީގެ ސަބަބުން މެލަމިން ކާއެއްޗެއްސާ އެކުވާ މިންވަރު އެކި ވައްތަރުގެ ޕްލާސްޓިކުގައި ތަފާތުވެ އެވެ. އެހެންކަމުން މި ދިރާސާއިން ޕްލާސްޓިކް ތަށީގައިވާ މެލަމިން ކާއެއްޗެއްސާ އެކުވާނެ މިންވަރު ކަނޑައެޅިގެން ދެނެގަނެވިފައެއް ނުވެ އެވެ.
މިހުރިހާ ސަބަބުތަކަށް ބަލާއިރު ޕްލާސްޓިކް ތަށީގައި ކެއުމަކީ އަހަރުމެން ދޫކޮށްލަން ވެފައިވާ އާދަ އެކެވެ. އެއީ ދިގު މުއްދަތުގައި ސިއްހަތަށް ގެއްލުންދެނިވި ނުރައްކާ އާދަ އެކެވެ.