މިއަދު ބޭއްވި ޕީޕީއެމް، ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ކުރީގެ ގިނަ މެމްބަރުންތަކެއް ޓިކެޓް ކަށަވަރުކޮށްފި އެވެ.
ޓިކެޓް ކަށަވަރު ކުރެއްވި މެމްބަރުންގެ ތެރޭގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދާއި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީގެ އިތުރުން އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހު ހިމެނެ އެވެ. އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ ވިލިމާލެ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފައެވެ.
މީގެއިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވެސް ވަނީ ޕީއެންސީގެ ޓިކެޓް ކަށަވަރުކޮށްފަ އެވެ. އޭނާ އަކީ އަމިއްލަގޮތުން އިންތިހާބުވި މެމްބަރެކެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ސިޓީގެ ކައުންސިލްގެ މެންބަރު މުހައްމަދު ދާއޫދެވެ.
މާފުށީ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ ހުސައިން ރިޒާ އާދަމެވެ. އޭނާ އަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޯފުޅެވެ.
ހުރާ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ކ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ވާރިސް އެވެ. އޭނާއާ ވާދަކުރެއްވީ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމެވެ.
ޕީޕީއެމް، ޕީއެންސީ ޕްރައިމަރީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި އެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ ވޯޓު ކަރުދާސްތަކެއް ވަނީ ވީދާލައިފަ އެވެ. ބައެއް ވޯޓު ފޮށިތަކުގައި އޮޅުވާލުމުގެ އަމަލުތަކެއް ހިނގި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.