މި ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސް އިން ނިންމާފައިވާ ކަން އެނގިއްޖެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ރުހުން ނުދޭން ޑިމޮކްރެޓްސް އިން ފާސް ކުރީ އެ ޕާޓީން ބޭއްވި ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ހަތަރު ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭ އިރު، ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގެންދަނީ މަޝްވަރާ ކުރަމުންނެވެ. އަދި މިހާތަނަށް ނިންމާފައި ވަނީ ވަޒީރުންގެ ތެރެއިން ހައިދަރަށް ރުހުން ނުދިނުމަށެވެ. އެހެން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ބަހުސް ކުރަމުންދާ ކަމަށްވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނެ އެވެ.

މި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ.

ޑިމޮކްރެޓްސް އިން ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު، ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅެ، އެގޮތަށް އަމަލު ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ މަޝްވަރާ އަށް ފަހު އިއްތިފާގުން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ޑިމޮކްރެޓްސް އިން ބުނީ ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީން ކަމަށް ބަޔާނުގައިވެ އެވެ.