އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ނުފެންނަ ކަމަށް ފާސްކޮށްފި އެވެ.
އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. އޭނާ އަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި އަށް މެމްބަރަކު ތިއްބެވި އެވެ.
ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް 24 މެމްބަރަކު ވޯޓުދެއްވި އެވެ.
ރުހުން ދިން ވަޒީރުން.
- ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
- ފޮރިން މިނިސްޓަރު މޫސާ ޒަމީރު
- ހޯމް މިނިސްޓަރު އަލީ އިހުސާން
- ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު
- ހެލްތު މިނިސްޓަރް އަބްދުﷲ ޚަލީލް
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
- ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް
- ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
- އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް
- ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު
- އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ
- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ
- ދިވެހި ލޭންގުއޭޖް މިނިސްޓަރު އާދަމް ނަސީރު
ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން އެގޮތަށް ނިންމައިގެންނެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ދެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރުނު ކަމަށް ނުރަސްމީކޮށް އެނގުނު ނަމަވެސް ރުހުން ނުދޭން ނިންމީ ސީދާ ކޮންކޮން ވަޒީރުންނަކަށް ކަމެއް އެ ދެ ޕާޓީން ހާމައެއް ނުކުރެ އެވެ.