ސައްހަނޫން އެއްބަސްވުންތަކެއް ހަދައި، ގިނަ ބަޔަކަށް އެޕާޓްމެންޓްތަކެއް ކުއްޔަށްދީ، މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދިކަމުގެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނިގޮތުގައި ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައި، މަކަރާ ހީލަތުން ގިނަ ބަޔަކަށް އެޕާޓްމެންޓުތަކެއް ކުއްޔަށްދީގެން ފައިސާ ހޯދި ޅ.ހިންނަވަރު، އަންބަރީގެ، އިބްރާހިމް ނަޒީދުގެ މައްސަލަގެ ތަހުގީގު ނިންމައި، މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

މިމައްސަލައާގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފުލުހުން ވަނީ އިބްރާހިމް ނަޒީދުގެ ފޮޓޯއާއެކު ވަނަވަރު އާންމުކޮށް، އޭނާގެ ޝިކާރައަކަށްވެފައިވާ އެއްވެސް މީހަކުވާ ނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އެދިފަ އެވެ.

އޮޅުވާލައިގެންނާއި، މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑު އަދަދުން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ ވަރަށް އިތުރުވެފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު މަކަރާ ހީލަތުގެ 498 މައްސަލަ ހުށަހެޅިފައިވާއިރު 2020 ވަނަ އަހަރު 609 މައްސަލައެއް ހުށަހެޅިފައިވެ އެވެ.

އެހެންކަމުން، ފައިސާގެ ބޮޑެތި މުއާމަލާތުކުރާއިރު މިކުރެވެނީ ސައްހަ މުއާމަލާތެއްތޯ ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ފަހަކަށް އައިސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި މީހުންނަށް ގުޅައިގެން އެކައުޓް ޑީޓެއިލްސް ހޯދުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. މިކަމުގެ ޝިކާރައަކަށް އާންމުކޮށް އުމުރުން ދުވަސްވީ މީހުން ފެވައިވާއިރު މިކަމަށް ސަމާލުވުމަށް ބީއެމްއެލްއިން އިލްތިމާސްކުރެ އެވެ.