ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަންކުރައްވައި ރުހުން ހޯދުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މައްސަލަ ފަސްކުރަން ނިންމެވީ އެކަމާ ގުޅުންހުރި ގަރާރެއް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާތީ ކަމަށެވެ.
"ގަރާރުގެ މަސައްކަތް ނިމި މަޖިލީހުން ވަކި ގޮތެއް ކަނޑައަޅަންދެން ތިން ވަޒީރުން އަލުން އައްޔަން ކުރަން ފޮނުއްވާފައިވާ މައްސަލަ ތާވަލު ކުރުން ފަސްކުރަން،" މިއަދުގެ ޖަލްސާގައި އަސްލަމް އިއުލާން ކުރެއްވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މީގެ ކުރިން ވެސް މަޖިލިހުން ރުހުން ނުދިން ބެފުޅުންތަކެއް އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިގެން ދެވަނަ ފަހަރަށް ރުހުން ހޯއްދެވުމަށް ސަރުކާރުން ހުށަހެޅި ކަމަށެވެ. އެ ގޮތުން 2010 ވަނަ އަހަރު 17 ވަނަ މަޖިލީހުން ދެ ފަހަރަށް ވެސް އެ ވަޒީރަށް ރުހުން ނުދޭ ކަމަށާއި އެ ކަމާ ގުޅިގެން އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވިކަން ފާހަގަކުރެއްވި އެވެ.
މިދިޔަ މަހު 29 ގައި މަޖިލީހުން ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. ނަމަވެސް އޭގެ ދެ ތިން ގަޑިއިރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.
އެ މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށާއި ސަރުކާރުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.