ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާރަށް އަރައި، މަޖިލީހުގެ ގޯތި ތެރެއަށް އެއްޗެހި އުކި މައްސަލައާ ގުޅިގެން ސަލާމަތީ ބާރުތައް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މަޖިލިސް ދޮށުގައި މުޒާހަރާކުރީ ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސްވެރިންނާއި ސަޕޯޓަރުންނެވެ. އެ މީހުން މުޒާހަރާކުރީ ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލުމަށެވެ.

މި މައްސަލަ ބަލައިދިނުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އީވާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސްގެއާއި ގޯތިތެރެއާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކަަމަށެވެ. އަދި އެދުވަހު މަޖިލިސްކުރާގެ ކައިރީގައި މުޒާހަރާކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިން މަޖިލިސްގޭގެ ވަށާފާރު މައްޗަށް އަރައި، ގޯތި ތެރެއަށް އެކި އެއްޗެހި އުކާފައިވާކަން އީވާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށްފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާބެހޭ ކޮމިޓީއަށް މި މައްސަލަ ހުށަހަޅުއްވާ ކަމަށް އީވާ ވިދާޅުވި އެވެ.

އެ މައްސަލައަށް މެމްބަރުން ވަނީ ކޮމިޓީގައި ވާހަކަ ދައްކަވާފަ އެވެ.

ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިންނާއި ތާއިދުކުރާ ކުރާ މީހުން މަޖިލީހުގެ އިދާރާ ހިމެނޭ ގްރީން ޒޯނުގައި މުޒާހަރާކުރީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓު ނެގުން އެ ދުވަހަށް ތާވަލްކުރުމާ ގުޅިގެން އެ ދުވަހު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގަ އެވެ. އެގޮތުން މަޖިލީހުގެ ސަރުކާރު މެމްބަރުން އެ ދުވަހު ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފަ އެެވެ.

ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވީ، އެ ދުވަހު ކަންކަން ހިނގައި ދިޔަ ގޮތުން އެއީ ސަރުކާރުން ކުރުވި ކަމެއް ކަމަށް ބުނުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އޭގެ އިތުރުން، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވަންޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ވަކިން ޚާއްސަކޮށް ގްރީން ޒޯން ތެރޭގައި އެ ހުރިހާ ކަމެއް ހިނގާދިޔައިރު، އެކަން ނުހުއްޓުވުނީ ކީއްވެތޯ ކަމާބެހޭ އިދާރާތަކުން ސާފުކުރަންޖެހޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެހެންވެ، މި މައްސަލައާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުން ލިއުމުން މައުލޫމާތު ހޯދުމަށްފަހު، ފުލުހުންނާއި ސިފައިން ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.