އޭނާ މަގާމުން ވަކިކޮށްލަން އިދިކޮޅު އެމްޑީޕީން ރޭވި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ކޮމިޝަނުގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުމާއެކު އޭނާ މަގާމުން ވަކިކުރަން ކޮމިޝަނުގެ ބައެއް މެމްބަރުން އުޅުއްވި ކަމަށެވެ. އަދި އެކަން ކުރަން އުޅުނީ އެމްޑީޕީ އަޑީގައި އޮވެގެން ކަމަށް ފުއާދު ތުހުމަތު ކުރެއްވި އެވެ.

ފުއާދު ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ މެމްބަރަކާ ހަވާލުވެވަޑައިގެންނެވެން ނެތްނަމަ އޭނާ ހުންނަވާނީ އެމްޑީޕީގައި ކަމަށެވެ. އަދި އެ ޕާޓީން ވަކިވެ ދަ ޑިކޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދައިގެން އުޅުއްވާ ބޭފުޅުންނަކީ ވެސް އޭނާގެ ގާތް ބޭފުޅުން ކަމަށް ފުއާދު ވިދާޅުވި އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ލަފަޔާ ހިލާފަށް ސަރުކާރުން ބޭނުންވާގޮތަށް ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ސުވާލެއް ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ފުއާދު ވަނީ 2014 ވަނަ އަހަރު ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވިއިރު، ސަރުކާރުން ބޭނުންވާގޮތަށް އަމަލުނުކުރުމުން ކުރިމަތިވަމުންދިޔަ ފިއްތުންތަކުގެ ހަނދާން އާކުރައްވާފަ އެވެ.

ފުއާދު ވިދާޅުވީ އޭނާ އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ދާންޖެހުނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި "ބަސްނާހައިފިއްޔާ" ޖަލަށްލާނެ ކަމަށް އެ ކޯޓުން އެންގުމުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު ވެސް ނުލިބޭ ކަމަށް ފުއާދު ވިދާޅުވި އެވެ.