ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް މާ ހެފުމުގެ ނަމުގައި ދިވެހިން ކަމެއް ކުރެ އެވެ. އެކި ކަހަލަ ކެއުންތައް ތައްޔާރުކޮށް އާއިލާތަކާއި ރައްޓެހިންނާއި ދެކެ ފަރިތަ މީހުން އެކުގައި އެ ކެއުމަށް އިންސާފު ކުރެ އެވެ.
އެހެން ނަމަވެސް މިކަމަކީ ކިހިނެއް ފެށިގެން އައި ކަމެއްތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އެކަމުގެ އަސްލަކީ އަދި މަގްސަދަކީ ކޮބައިތޯ ވެސް ވާހަކަ ދެކެވެ އެވެ.
ދިވެހިންގެ މާހެފުމާ ބެހޭ ގޮތުން އެންމެ ސާފުކޮށް މައުލޫމާތު އެނގެން އޮތީ "ދިވެހި ދިރިއުޅުމުގެ ތެރެއިން" ނަމުގައި ލިޔެފައިވާ ފޮތަކުންނެވެ.
އެ ފޮތުގައި ވާ ގޮތުން އިހު ދިވެހިންގެ ޒަމާނުގައި ރޯދައަށް ހަނދުބަލާ ދުވަހު (ޝައުބާން މަހު 29 ވަނަ ދުވަހު) ދަރު ބަދިގެތައް ސާފު ކުރުމުގެ މަސައްކަތް ފަށަ އެވެ. އޭގެ ތެރެއިން އެންމެ ބުރަ އަދި އެންމެ ގިނައިރުވާ އެއް ކަމަކީ އޭރު ގެންގުޅުނު އަޅި އުނދުން އާކޮށް ހެދުމެވެ.
އަޅި އުނދުނެއް އައުކޮށް ރޭވުމަކީ އަވަހަށް ކޮށް ނިންމޭ ކަމަކަށް ނުވެ އެވެ. އެކަމަށްޓަކައި ދުވާލުގެ ބޮޑު ބައެއް ހޭދަވެ އެވެ. ނަތީޖާއަކަށް ވަނީ އެ ދުވަހުގެ ހުރިހާ އިރަކަށް ކާއެއްޗެހި ރޯނުފިލުވުމެވެ.
އެހެން ކަމަށްވުމާއެކު އެދުވަހަށް އަލި ވިލުމާއެކު އެންމެ ފަސޭހައިން ތައްޔާރު ކުރެވޭ ކާއެއްޗެއް ތައްޔާރުކޮށް މުޅި ދުވަހަށް ކެއުން ތައްޔާރު ކުރެ އެވެ.
އެގޮތުން އެންމެ ފަސޭހައިން ކުރެވޭ ކަމަކީ ގޮދަން ފަދަ ތަކެތީގައި މާލެއްވުމެވެ. ހަނޑުލާއި ދޮނަޅަ އަދި ޒުވާރީގައި މާ ލައްވައި އެ ދުވަހުގެ ހެނދުނާއި މެންދުރުގެ ކެއުން ތައްޔާރު ކުރެވެ އެވެ. އެއާއެކު ދެން ހުންނަނީ ކާއްޓާއި ވަޅޯ މަހެވެ. ނުވަތަ ރޯނުފިލުވައި ތައްޔާރު ކުރެވޭ ކެއުންތަކެވެ. މި ކެއުމަށް ދެވުނީ "މާހެފުން" މި ނަމެވެ.
ރަމަޟާން މަހާ ދިމާކޮށް ބަދިގެ ސާފު ކުރުމުގެ ބޭނުމުގައި ފެށި މި އާދަ ދިވެހިންގެ ސަގާފަތުގެ ތެރެއަށް ވަންނާކަށް މާ ގިނަ ދުވަހެއް ނުވި އެވެ.
މިއަދުގެ ހާލަތަށް ބަލާއިރު ޓެކްނޮލޮޖީއާއެކު އަޅި އުނދުންތައް ގޭސް އުނދުންތަކަށް ބަދަލުވެއްޖެ އެވެ. ބަދިގެ ސާފުކުރުމުގެ ނަމުގައި އެއް ދުވަހު ހަތަރުދަމު ނުކައްކާ ހުންނާކަށް ނުޖެހެ އެވެ.
އެހެން ނަމަވެސް މާހެފުމުގެ ސަގާފަތް މިއަދާ ހަމައަށް ވެސް މިއޮތީ އައިސްފަ އެވެ. ޒަމާނާއެކު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައި ނަމަވެސް އެކަމުގެ ރޫހާއި ޖޯޝަކީ އެއް ޖޯޝެކެވެ. ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާ ކިޔުމެވެ.
ކޮންމެއަކަސް މާހެފުމުގެ އަސްލު އޮތީ އިހު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފަ އެވެ. އެއީ ކާބަފައިން އަހަރުމެންނަށް ދޫކުރި ދިވެހި އާދަކާދަ އެކެވެ.
އެ ސަގާފަތް އޭގެ އަސްލު ނުގެއްލޭނެހެން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އެކެވެ.