ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަން ޖެހޭނީ މަޖިލީހުގައި މިހާރު ހުސްވެފައިވާ ހަތް ގޮނޑި ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލު ނުކުރަން މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށާއި މެމްބަރުންގެ އަދަދު ގުނަން ޖެހޭނީ މިހާރު ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ކަމަށެވެ. އެކަމަކު، މަޖިލިހުން ފަހުން ގަވައިދު ބަދަލުކޮށް އެހެން މާއްދާއަކުން ހަމަ އެ ނަތީޖާ އަންނަ ގޮތަށް ބަދަލުކޮށްފައިވާތީ އެކަމުގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައިވެ އެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމާ މެދުގައި ގޮތެއް ނިންމުމަށެވެ. އެހެންވެ، ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
އެގޮތަށް ފާސް ކުރީ 25 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
އަސްލަމް ވިދާޅުވީ، މިގޮތަށް ފާސްކުރުމުން ދެން ޖަލްސާތަކުގައި މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ބަލާނީ 80 ކަމަށެވެ.
މަޖިލިހުގެ ގަވައިދުގެ 242 ވަނަ މާއްދާ އަށް މަޖިލީހުން ގެނައި ބަދަލުގައި މިހާރު ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ.