ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބްރިޖަށް އަރަން ދިޔަ ޓެކްސީއަކުން، އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގުމުން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

މިއަދު ހަވީރު ހިނގި އެ އެކްސިޑެންޓްގައި ފުލުސް މީހާގެ ގައިގައި ޓެކްސީން ޖެހުނީ ޓެކްސީ ކޮންޓްރޯލުން ނެއްޓިގެންނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެކްސިޑެންޓުވި ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށެވެ.

ޝިފާން ވިދާޅުވީ ޓެކްސީ ޑްރައިވަރު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބްރިޖަށް އަރަން ދިޔަ ޓެކްސީގެ މިސްރާބު ބަދަލުކޮށްލަނީ ހުޅުމާލެ ހައިވޭ ކޮޅުން ސައިރެން އަޅަމުން އައި ފުލުހުންގެ ކާރަކުން ނެއްޓުމަށެވެ. ނަމަވެސް، ޓެކްސީގެ މިސްރާބު ބަދަލުކޮށްލި ވަގުތު ކޮންޓްރޯލުން ނެއްޓި ފުލުސް މީހާގެ ގައިގައި ޖެހުނީ އެވެ.

ބްރިޖް ހައިވޭގެ އިތުރުން ހުޅުމާލޭގައި ވެސް އެކްސިޑެންޓް ހިނގުން ވަނީ އިތުރުވެފަ އެވެ. އެފަދަ ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.