ސިމްބޯލިކް ރެކޯޑްސްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޑްރަގާއެކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން، ޑްރަގް އިންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) އިން ރޭ ހިންގި އޮޕަރޭޝަނުގައި ޕެސްޓްގެ އިތުރުން އަދި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މި އޮޕަރޭޝަނުގައި 2.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް، މިއޮޕަރޭޝަނާ ބެހޭ އިތުރު މައުލޫމާތު އަދި ފުލުހުން ހިސާކޮށްފައެއް ނުވެ އެވެ.

ފުވައްމުލަކަށް އުފަން ޕެސްޓަކީ ރާއްޖޭގެ ރެޕްގެ ކިންގުގެ ގޮތުގައި މަޝްހޫރު ފަންނާނެކެވެ. ދިވެހިންގެ މެދުގައި ކޮންޓްރޮވާޝަލް ލަވައެއްކަމަށްވާ "ރީތިކުދިން" ލަވަ ކިޔައިގެން އުމުރުން އެންމެ 16 އަހަރުގައި ޕެސްޓް މަޝްހޫރުވި އިރު "ދުންތަރި"، "ނުވެބެ" ފަދަ ވައިގަ ހިފާލި އެތައް ލަވަތަކެއް ވެސް ޕެސްޓުވަނީ ކިޔާފަ އެވެ.

ސިމްބޯލިކް ރެކޯޑް އިން މިދިޔަ މަހު ނެރުނު އާ އަލްބަމް "ކޯވަރެއް" ގައި ވެސް ޕެސްޓްގެ އެތައް ލަވައެއް ހިމެނެ އެވެ.