ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނު ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެކްސްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ހިއްސާއެއް ނުކުރައްވަ އެވެ.
އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ލައިންސާނީ ޖަރީމާތަކުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުކޮށްލަ އެވެ. ފަލަސްތީނުގެ ގިނަ ރައްޔިތުން މިއަދު ތިބީ ވަންނާނެ ގެދޮރެއް ނެތި، ކާނެ އެއްޗެއް ނެތި އަދި ބޯނެ ފެންފޮދެއް ވެސް ނުލިބޭ ހާލުގަ އެވެ.
ފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އޮތް ދޮރުތައް ޔަހޫދީން އަންނަނީ ބަންދުކުރަމުންނެވެ. ރާއްޖެއިން ވެސް ގިނަ ބަޔަކު އަންނަނީ ފަލަސްތީނަށް އެހީވަމުންނެވެ. އެގޮތުން ރާއްޖޭގެ ދެ ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ޚިދުމަތް ޖަމިއްޔާއިން އަންނަނީ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ހަރަކާތްތަކެއް ހިންގަމުންނެވެ.
ރާއްޖޭގެ މަސްވެރިންނާއި ވިޔަފާރިވެރިންގެ ފަރާތުން ވެސް ވަނީ މަސްވެރިންނަށް ދީލަތި އެހީތައް ފޯރުކޮށްދީފަ އެވެ.