މާލޭގެ ގެސްޓްހައުސްއަކުން ފޭރުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ ފޭރުމުގެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީ ފޫޓޭޖުން ގެސްޓް ހައުސް ކައިރީގައި އޭނާ ދުއްވަން އިން ޓެކްސީ މަޑުކުރުމުން ދެ މީހަކު ޓެކްސީން ނުކުމެގެން ގޮސް ގެސްޓްހައުސްއަށް ވަންނަ މަންޒަރު ފެންނަ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ކާރުން ނުކުތް މީހުން ދިޔައީ ކާރުގެ ދޮރު ނުލައްޕައި ކަމަށާއި، އެ މީހުން ގެސްޓްހައުސް ކައުންޓަރުން އެއްޗެހިތަކެއް ނަގައިގެން ދުވެފައި އައިސް އަލުން ކާރަށް އަރައިގެން ދިޔަ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ޑްރައިވަރު ކޯޓުގައި ބުނެފައި ވަނީ، އޭނާ އަކީ ޓެކްސީ ކުރާ މީހެއް ކަމަށާއި އެއީ ބަޔަކު ބުނެގެން ކުރި ޓެކްސީ ދަތުރެއް ކަމަށެވެ. އަދި އަމަލީ ގޮތުން އެ ފޭރުމުގައި ބައިވެރިނުވާ ކަމަށް އެމީހާ ބުނެފައިވެ އެވެ.
އެކަމަކު ފުލުހުން ބުނެފައިވާ ގޮތުގައި ފޭރުމުގެ ހާދިސާ ހިނގި އިރު ޓެކްސީގެ ނަންބަރު ބޯޑު ނުފެންނަ ގޮތަށް ހުރީ އެއްޗެއް ހަރުކޮށްފަ އެވެ. އަދި ފަހުން އެހެން ސަރަހައްދަކަށް ގޮސް އޭތި ނައްޓާލާފައިވާ ކަމަށް އަމުރުގައިވެ އެވެ.