ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި މައްސަލަތަކެއް ހުރިނަމަ އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފެލެޓް ހައްގުވާ އެތައް ބަޔަކަށް ފްލެޓް ނުލިބި ހުރި ކަމަށް އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ހިޔާ ފްލެޓްގެ ފައިނަލް ލިސްޓުގައި މައްސަލައެއް ހުރިނަމަ، އިތުރަށް ބެލުމަށްފަހު ހައްގު ފަރާތްތަކަށް ފްލެޓް ދޫކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އަޅުގަނޑު ވެސް ގަބޫލުކުރަން ހަމަ [ފްލެޓް] ހައްގުވާ އެތައް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެޔަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. މައްސަލަތަކެއް ހުރި ކަމަށް ވަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި އަޅުގަނޑުމެން އޭގެ ހައްގު ފަރާތްތަކަށް އެ ފްލެޓުތައް ދޫކުރާނަން،" ރައީސް ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްގެ މައްސަލަ ބެލުމަށް ރައީސް ސޯލިހް އެކުލަވާލެއްވި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެކުލަވާލި ފައިނަލް ލިސްޓުގެ ބައެއް ކެޓަގަރީތަކުގައި އެ ކެޓަގަރީތަކުން ފްލެޓް ހައްގުވާ ބައެއް މީހުންގެ ނަން އުނިކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އެ ލިސްޓުގައި ހުރި މައްސަލަތަކާ ގުޅިގެން ޕީޕީއެމް، ޕީއެންސީން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ، ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި، ބައެއް މަޝްރޫއުތައް މިހާތަނަށް މަޑުޖެހިފައި ވަނީ އެކި ސަބަބަބުތަކާހުރެ ކަމަށެވެ. ނަމަވެސް މިހާރު އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އޭގެއިތުރުން އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މެއި މަހު ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.