އިންތިގާލީ އިންސާފުގެ ގާނޫނުން އުފެއްދި އިންތިގާލީ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަންގެ މުސާރައަށް 37،500 ރުފިޔާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޗީފް އޮމްބަޑްސްޕާސަންއާއި އޮމްބަޑްސްޕާސަންގެ އޮފީހުގެ ވެރިންގެ މުސާރައާއި އިނާޔަތްތައް މާލިއްޔަތު ކޮމެޓީން ނިންމި ގޮތަށް މިއަދު ވަނީ ވޯޓަށް އަހާފަ އެވެ.
އެ ރިޕޯޓު ކޮމިޓީން ފާސްކޮށްފައިވާގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ 40 މެމްބަރުންގެ ވޯޓުންނެވެ.
ޗީފް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި މަހަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އަދި އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި މަހަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ނ. މާފަރު އީޓުޖެހިގެ، އަބްދުއްސަލާމް އާރިފެވެ. އަދި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ގއ.ކަނޑުހުޅުދޫ، ބްލޫރޯޒް، ޖިހާދާ އަނީސާއި، ހ.ފެހިއާލާ މަރްޔަމް ލައިޒާ އެވެ.
ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރައްވާފައިވާ އަބްދުއްސަލާމް އާރިފްއަކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަދި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި މަޖިލިސް ޓިކެޓު ހޯއްދެވުމަށް ވާދަކޮށްފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ލޯކްރާފްޓް ލޯ ފާމް ކިޔާ ތަނެއްގެ ހިއްސާދާރެކެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައަޅާފައިވާ ގާނޫނެކެވެ.