ކޮވިޑް-19އަކީ ނޭވާލާ ނިޒާމަށް ޖެހޭ އާއްމުކޮށް ހަފްތާއެއްގެ ތެރޭގައި ރަނގަޅުވާ ބައްޔެކެވެ. ބަލީގައި ހާލު ދެރަވާ މީހުން ވެސް މާ ގިނަ ދުވަހެއް ނުވެ ދުނިޔެ ދޫކުރެ އެވެ.
އެހެން ނަމަވެސް އިނގިރޭސި ވިލާތަށް ނިސްބަތްވާ މީހެއް ވަނީ ކޮވިޑް ބަލީގައި މުޅިން ތަފާތު ތަޖުރިބާއެއް ކޮށްފަ އެވެ. އޭނާ މަރުވެފައި ވަނީ ދެ އަހަރެއްހާ ދުވަހު އެ ބަލީގައި އުޅުމަށްފަހުގަ އެވެ.
ކޮވިޑް ޖެހުމުގެ ކުރިން ވެސް ލޭގެ ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ އެ މީހާއަށް 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓް ޖެހުނު ހިސާބުން ފަރުވާ ދެވެން ފެށުނެވެ.
އެހެން ނަމަވެސް ހާލަތަށް މާބޮޑު ބަދަލެއް ނައިސް އެ މީހާ މަރުވެފައިވަނީ ބަލީގައި ޖުމްލަ 613 ދުވަހު އުޅުމަށްފަހުގަ އެވެ. އެއީ މިހާތަނަށް ކޮވިޑް ބަލީގައި އެންމެ ގިނަ ދުވަސް ވަންދެން އުޅުނު މީހާ އެވެ.
2019-2020ގައި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ޕެންޑަމިކްގައި އެކި ގައުމުތަކުން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު ބަލީގެ ސަބަބުން ގިނަ ބައެއްގެ ދިފާއީ ނިޒާމަށް ވެސް އަސަރު ކުރި އެވެ.