ވޮޝިންޓަން (17 ފެބްރުއަރީ) - އެފްރިކާގެ ދެ ގައުމަކުން ނުރައްކާތެރި އެބޯލާ ފެނުމާ ގުޅިގެން އެބޯލާ ވައިރަސް ފެތުރިދާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި އެވެ.

އެމެރިކާގެ ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ނެރުއްވި ބަޔާނެއްގައި ވަނީ އެފްރިކާގެ މެދުތެރޭ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ގިނީ އިން އެބޯލާގެ ކޭސްތައް ފެނިފައިވާ ކަމަށާއި، އެމެރިކާއިން މި ގައުމުތަކާއި ޑަބްލިއުއެޗްއޯ އާ ގުޅިގެން މިކަމުގައި އެހީތެރިވެދޭނެ ކަމަށެވެ.

ކޮވިޑް ޕެންޑެމިކްގެ ހާލަތުގައި އެބޯލާ ފަދަ ނުރައްކާތެރި ވައިރަސްއެއް ފެތުރުން ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްކުރަން ޖެހޭނެ ކަމަށާއި، އަޅާނުލައި ތިބެވެން ނެތް ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް އެބޯލާ ވައިރަސްގައި ފަސް މީހުން ގިނީ އިން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ. 2013-2016 އަށް އެފްރިކާގެ ގައުމުތަކުގައި އެބޯލާ ވައިރަސް ވަނީ ހަލުވިކަމާއެކު ފެތުރިފަ އެވެ.

އެފަހަރުގައި 11،300 އަށް ވުރެ ގިނަ މީހުން ގިނީ، ލައިބީރިއާ، ސިއެރެ ލިއޯން އިން މަރުވެފައިވެ އެވެ. ކޮންގޯ އިން ފެނިފައި ވަނީ ހަތަރު ކޭސް އެވެ. މީގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަށް ކަމަށް އެ ގައުމުން ބުންޏެވެ.

ކޮންގޯގެ ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ވަނީ އެބޯލާ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފައްޓާފަ އެވެ.

އެބޯލާ ވައިރަސް ފެތުރެނީ މީހެއްގެ ހަށިގަނޑުން ނުކުންނަ ދިޔަ އެހެން މީހެއްގެ ހަށިގަނޑުގައި އުނގުޅިގެންނެވެ. އެބޯލާ ވައިރަސް އެންމެ އާންމުކޮށް ޖެހުމުގެ ފުރުސަތު ބޮޑު ބަޔަކީ ބަލި ޖެހިފައިވާ މީހަކަށް ނުވަތަ ބަޔަކަށް އެހީތެރިވުމަށް ކައިރީގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށެވެ.

އެބޯލާ ޖެހުމުން ހުންއައުމާއި، ބޮލުގައި ރިހުން އަދި ހުޅުތަކާއި މަސްތަކުގައި ރިހުން ފަދަ ކަންކަން ދިމާވެ އެވެ. އަދި ބަލި ބޮޑުވާ ވަރަކަށް އެތެރެހައްޓާއި ބޭރު ފުށަށް ލޭފައިބާ ގޮތްވެ އެވެ. ނަތީޖާއެއްގެ ގޮތުން ލޭ މަނާނުވެ ކަންފަތާއި، ނޭފަތުން އަދި ކެއްސާއިރު އަނގައިން ވެސް ލޭފައިބަ އެވެ.