މި އަހަރުގެ މެޓް ގާލާގައި ވަރަށް ގިނަ ހޮލީވުޑްގެ ތަރިން ބައިވެރިވި އެވެ. ނަމަވެސްް އެންމެންގެ ލޮލުގައި މި ފަހަރު އަޅައިގަތީ ކުރިން ނުފެންނަ މޫނެކެވެ. މަޑު މުށި ކުލައިގެ ކޮކާ ތީމް ހެދުމެއް ލައިގެން ހުރި މޯނާ ޕަޓެލް އެވެ.
މޯނާގެ ލުކް ރީތި ވެގެން މުޅި ސޯޝަލް މީޑީޔާގައި ދިޔައީ މޯނާގެ ފޮޓޯ ދައުރުވަމުންނެވެ. ގިނަ މީހުންނަށް އޭނާއަކީ ކާކު ކަމެއް ނޭނގެ އެވެ.
މޯނާ ޕަޓޭ އަކީ ވިޔަފާރިވެރިއެކެވެ. ފެޝަން، އަދި ޓެކް އަދި ބިމާއި ގުޅޭ އަށް ކުންފުންޏެއް އުފައްދާފައިވާ މޯނާ އަކީ އިންޑިއާއަށް އުފަން މީހެކެވެ. އޭނާ މިހާރު ދިރިއުޅެނީ އެމެރިކާގަ އެވެ. މޯނާއަކީ ހާވާޑް ބިޒްނަސް ސްކޫލާއި ސްޓެންފޯޑް ގްރެޖުއޭޓް ސްކޫލް އޮފް ބިޒްނަސް އަދި އެމްއައިޓީ ސްލޯން ސްކޫލް އޮފް މެނޭޖްމަންޓުން ކިޔަވާފައިވާ މީހެކެވެ.
އޭނާގެ ވެބްސައިޓުން އެނގޭ ގޮތުގައި އޭނާ މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރޭޑިއޮލޮޖިސްޓުން ފަދަ އިމޭޖިން ބޭނުންކުރާ ސިއްހީ ހިދުމަތްތެރިންނަށް އެހީވުމަށް އޭއައިގެ ބޭނުން ކުރާ ހެލްތު ޓެކް ސްޓާޓްއަޕެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ. މޯނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެޝަންގެ ދާއިރާއިން އަންހެން ކުދިންނަށް އެހީވުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކޫޗާ ފޯ ކޯޒްގެ ވެސް ފައުންޑަރެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ފޯބްސް ނެކްސްޓް 1،000 "އަޕްސްޓާޓް އެންޓަޕްރިނަސް" ގެ ލިސްޓުން މޯނާ ވަނީ ޖާގަ ހޯދައިފަ އެވެ.
އޭނާ އަށް މެޓް ގާލާގެ ދައުވަތު ލިބިފައިވަނީ ފެޝަން އިންޑަސްޓްރީގައި އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ.