ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު ވަނީ ވަރަށް ފަހުން އޭނާގެ އިސްތަށިގަނޑުގެ ސްޓައިލަށް ބަދަލު ގެނެސް އާ ސްޓައިލަކަށް އިސްތަށިގަނޑު ހަދައިފަ އެވެ.

ބޮލުގެ ދެ ފަރާތުން ތުނިކޮށް ކޮށާފައި ހުރި އެ ސްޓައިލްއާ އެކު ރަންބީރު ކުރިއަށްވުރެ ވެސް ރީތި ކަމަށް ބުނެ ގިނަ މީހުން އަންނަނީ އެ ސްޓައިލަށް ތައުރީފް ކުރަމުންނެވެ.

އެގޮތުން އެގޮތަށް އިސްތަށިގަނޑު ބެހެއްޓުމުން އޭނާ މާ ޒުވާން ކަމަށް ދައްކާ ކަމަށާއި "ސްމާޓް"ހެން ހީވާ ކަމަށް އާއްމުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް ރަންބީރު ވަނީ މިކަހަލަ ގޮތަކަށް އިސްތަށިގަނޑުގެ ސްޓައިލް ގެންގުޅެފަ އެވެ. އެއީ އޭނާގެ ކެރިއަރުގެ ކުރީކޮޅެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ރަންބީރު ދެން އެންމެ އަވަހަށް ފެންނާނީ ސައި ޕައްލަވީއާއެކު "ރާމަޔަން"އިންނެވެ. މިހާރު ކުރިއަށް ދަނީ އެ ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

އެފިލްމު ނެރެން ކައިރިވެފައި ވަނިކޮށް ކޮޕީ ރައިޓްސްގެ މައްސަލައެއްގައި ގާނޫނީ ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.