ޔުނައިޓެޑް ނޭޝަންސް (މެއި 10)- އދ.ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ހެދުމަށް އެ ޖަމާއަތުގެ އާއްމު މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ސްޕޮންސާކޮށްފައިވާ ގަރާރު ފާސްކޮށްފައި ވަނީ 143 ގައުމުގެ ތާއީދާ އެކު އެވެ. ގަރާރާ ދެކޮޅަށް ވަނީ ނުވަ ގައުމަކުން ވޯޓުދީފަ އެވެ. އޭގެ ތެރޭގައި ފަލަސްތީނާ އެންމެ އަދާވަތްތެރި ދެ ގައުމު ކަމަށްވާ އިޒްރޭލާއި އެމެރިކާ ހިމެނެ އެވެ. ފަންސަވީސް ގައުމަކުން މި ގަރާރަށް ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ. ރާއްޖެ އިން ވަނީ މި ގަރާރު ކޯ-ސްޕޮންސާކޮށްފަ އެވެ.

އދ. ގައި ފަލަސްތީނަކީ 2012 ވަނަ އަހަރުން ފެށިގެން އޮބްޒާވާ ސްޓޭޓެކެވެ. މިއީ ފުރިހަމަ މެންބަރެއްގެ އެތައް ހައްގެއް އުނިވާ ހާލަތެކެވެ.

އދ. ގެ ފުރިހަމަ މެންބަރަކަށް ވެވޭނީ 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުން ފާސްކޮށްފަ އެވެ. އދ. ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނުވުމަށް ހުރަސް އެޅިފައި ވަނީ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ވީޓޯއާ ހެދި އެވެ. ނަމަވެސް އާއްމު މަޖިލީހުގެ މިހާ ބޮޑު ތާއިދާ އެކު ފާސްކުރި ގަރާރުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ލިބުމުގެ ފުރުސަތު ބޮޑެވެ. މި ގަރާރު ފާސްކުރި އިރު ޔޫރަޕުގެ ވަރަށް ގިނަ ގައުމުން އަންނަނީ ފަލަސްތީނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތައްޔާރުވަމުންނެވެ. އެ ގޮތުން ސްޕޭނުން އެކަން މި މަހު 21 ގައި އިއުލާން ކުރާނެ އެވެ. އޭގެ ފަހުން އަޔަލެންޑް، ސްލޮވީނިއާ އަދި މޯލްޓާ އިން އެކަން އިއުލާންކުރާނެ އެވެ.

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމުން މެންބަރު ގައުމުތަކާ އެކު ތަރުތީބު އިށީނދެ ތިބުމާއި ބަހުސްތަކުގައި ބައިވެރިވެވި، ގަރާރު ހުށަހެޅުމާއި ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގެ ހައްގު ލިބޭނެ އެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޕީއެލްއޯ އިން ފުރަތަމަ އިއުލާން ކުރީ 1988 ވަނަ އަހަރު އެވެ. ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި އދ.ގެ މެންބަރު 193 ގައުމުގެ ތެރޭން 139 ގައުމުން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި މިހާރު ބަލައިގަނެ އެވެ.