އުފަންވީ އިރު އެއްކޮށް ބީރުކޮށް ހުރި ކުޑަކުއްޖެއް ބޭހުން ރަނގަޅުކޮށްފި އެވެ.

އުމުރުން 18 މަހުގެ އޮޕަލް ސޭންޑީ އަކީ އުފަންވީ އިރު އޮޑިޓަރީ ނިއުރޯޕަތީގެ ސަބަބުން އެއްކޮށް ބީރު ކުއްޖެކެވެ. އޮޑިޓަރީ ނިއުރޯޕަތީއަކީ ކަންފަތުގެ އެތެރޭން ސިކުންޑިއާ ހިސާބަށް ދާ ނާރުތައް ރަނގަޅަށް މަސައްކަތް ނުކުރުމެވެ.

އިނގިރޭސިވިލާތަށް އުފަން އޮޕަލްއަށް ފަރުވާދީފައި ވަނީ ކެމްބްރިޖްގެ އެޑެންބްރުކްސް ހޮސްޕިޓަލުންނެވެ. މި ހޮސްޕިޓަލުން ދީފައި ވަނީ ޖީން ތެރަޕީގެ ޓްރައިލް ޓްރީޓްމެންޓްއެކެވެ. އަދި މި ޓްރީޓްމެންޓް ދީފައި ވަނީ އެންމެ ފަހަރަކު އެވެ. އެންމެ ފަހަރަކުން އޮޕަލްގެ އަޑުއިވުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

ޖީން ތެރަޕީއިން އަޑުއިވުން ރަނގަޅުވެފައިވާ 18 މަހުގެ އޮޕަލް އާއިލާއާއި އެކު

ޓްރީޓްމެންޓްގެ ސަބަބުން އޮޕަލްގެ އަޑުއިވުން މިހާ ބޮޑަށް ރަނގަޅުވެފައި ވަނީ އެންމެ 4 ހަފްތާ ތެރޭގަ އެވެ. އަދި ކުރިއަށް އޮތް 24 ހަފްތާގެ ތެރޭގައި ކުރިއަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ.

އޮޕަލްގެ މައިންބަފައިން ތިބީ މި ކަމުގެ ސަބަބުން ކުއްލި ހައިރާންކަމެއްގެ ތެރޭގަ އެވެ. ކޮކްލިއާ އިމްޕްލާންޓެއް ނެތި ދަރިފުޅުގެ އަޑުއިވުން މިހާ ރަނގަޅުވާނެ ކަމަކަށް ދެމަފިރިން ހިއެއް ނުކުރެ އެވެ.

އޮޕަލްގެ އަށް ދިން ޓްރީޓްމަންޓް ދެވޭނީ ވަކި ވައްތަރެއްގެ ޖީން މިއުޓޭޝަންއެއްގެ ސަބަބުން އަޑުއިވުމުން މަހުރޫމް ވެފައިވާ ކުދިންނަށް އެކަންޏެވެ. މި މިއުޓޭޝަން ހުންނަ އިތުރު ކުދިންނަށް މި ޓްރީޓްމަންޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.