އޮސްޓްރިއާ ހަންގޭރީ އާއި ސާބިއާގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން، 1914 ވަނަ އަހަރު ޖަރުމަނާއި ރަޝިޔާ ދެފަޅިއަށް ތާއީދު ކޮށް ހަނގުރާމައެއް ފެށިއިރު އެއީ އުސްމާނީ ޚިލާފަތުގެ ނަމުގައި އޮތް މުސްލިމް އުންމަތާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް ހަނގުރާމަ ފުޅާވެ ޔޫރަޕް އަނދައި ހުލިވަމުން ދިޔައިރު އޭގެ އަޅީގައި ނުޖެހި އުސްމާނީ ދައުލަތަކަށް ނޯވެވުނެވެ.

އެ ދައުލަތުގެ ދަށުގައި ހުރި އިރުމަތީ ޔޫރަޕްގެ ހިސާބުތަކަށް ރަޝިޔާއިން ލިބެމުން އައި އިންޒާރާއި އަރަބިންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް އިނގިރޭސިންނާއި ފަރަންސޭސިން ދެމުން އައި ހިތްވަރުގެ ސަބަބުން ޖަރުމަނާ ގުޅުން ނޫން އެހެން ގޮތެއް އެވަގުތު އުސްމާނީންނަކަށް ނެތެވެ.

އުސްމާނީން ވެސް ހިމެނޭހެން ޖަރުމަނުން ކުރި ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނީ އެމީހުން ބަލިވެގެންނެވެ. އޭރު މެދު އިރުމަތީގެ ހުރިހާ އަރަބި ގައުމުތަކާއި އިރުމަތީ ޔޫރަޕްގެ ބައެއް ސަރަހައްދުތައް ހިމެނޭހެން އޮތް، މުސްލިމް ދައުލަތް ކަމުގައިވާ އުސްމާނީ ޚިލާފަތުގެ ދުވަސް ވެސް ދިޔައީ އެވެ. ހަނގުރާމަ ނިމިނުއިރު ފަހު ވަގުތު ހެދި ޑީލެއްގެ ދަށުން ރިޕަބްލިކް އޮފް ތުރުކީގެ ނަމުގައި ވަކި ދައުލަތެއް އުފަންވިއިރު މުޅި މެދުއިރުމަތި އިނގިރޭސިންނާއި ފަރަންސޭސިންގެ އަތްދަށަށް ދިޔަ އެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި އުސްމާނީން ބަލިކޮށްލުމަށް ހުޅަނގުގެ ބާރުން ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ އަރަބިންނެވެ. ހިޖާޒުގެ ވެރިއެއްގެ ގޮތުގައި މައްކާގައި ހުރި ޝަރީފް ހުސޭންގެ ބެލުމުގެ ދަށުން ސީރިޔާ އާއި އިރާގު ވެސް ހިމެނޭހެން އަރަބި ރަސްކަމެއް ގާއިމު ކޮށްދޭނެކަމުގެ ވައުދާ އެކު އަރަބިންގެ އުސްމާނީ ދައުލަތާ ދެކޮޅަށް ނެރުނެވެ. އޭގެ މާކުރިން ހިޖާޒުގެ ނަޖުދު ސަރަހައްދުގައި ސައުދު އާއިލާއާއި މުހައްމަދު ބިން އަބްދުލް ވައްހާބްގެ ވައްހާބީ ގުރޫޕާ އެކުވެގެން ދިޔައީ މައްކާގެ ޝަރީފާ ދެކޮޅަށް ހަމަލާދީ މައްކާގެ ސަރަހައްދު ހިފުމަށް މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި ސައުދު އާއިލާއިން އިނގިރޭސިންނާ އެއްބައެއް ނުވެ އެވެ. އެމީހުން އޭރުވެސް ގެންދިޔައީ އުސްމާނީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ ނިމި އަރަބި ބިންތައް އިނގިރޭސިންނާއި ފަރަންސޭސިންގެ މައްޗަށް ބެހިއިރު، އެމީހުންގެ ޝައުގުވެރިކަން އޮތީ ސީރިޔާއާއި ފަލަސްތީނުގެ ސަރަހައްދާއި އިރާގަށެވެ. ފަލަސްތީނުގެ ބޭނުމަކީ އެބިމުގައި ޔަހޫދީންނަށް ދައުލަތެއް ބިނާކޮށްދިނުމެވެ. އިރާގުން އޭރު ތެޔޮ ފެނިފައި އޮތުމުން އިރާގު އިނގިރޭސިންގެ ދަށުގައި ބޭއްވި އެވެ.

އަރަބިންގެ ތެރެއިން އުސްމާނީންނާ ހަނގުރާމަ ކުރުމުގައި އިނގިރޭސިންނާ ބައިވެރިވެ ހަނގުރާމަ ކުރި ޝަރީފު ހުސޭންގެ އަރަބި ރަސްކަމުގެ ހުވަފެންވީ ބިލާހަކަށެވެ. އޭގެ ބަދަލުގައި ހިޖާޒުގައި އެވަގުތު އިނގިރޭސިންނާއި ފަރަންސޭސިންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ހަނަފަސް ބިމުގައި ސައުދު އާއިލާއަށް ވަކި ގައުމެއް އުފައްދައިދީ، އެ އާއިލާގެ ނަމުން ނަން ދިނެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތެއް އުފައްދައި ދިނުމަށް އިނގިރޭސިން އޭރުވެފައި އޮތް ވައުދު ފުރިހަމަ ކުރުމަށްޓަކައި އަތްދަށުލި އަރަބި ބިންތައް ފޮތިފޮތިކޮށް، ފުރަތަމަ އުފެއްދި ގައުމަކީ ސައޫދީ އަރަބިޔާ އެވެ. ސައޫދީ އަރަބިޔާގެ ނަމުގައި ސައުދު އާއިލާ އަށް އިނގިރޭސިން ވަކި ދައުލަތެއް ގާއިމު ކޮށްދިނީ ޑިސެންބަރު 23، 1932 ގަ އެވެ.

ވެރިކަން ކޮށްލާނެ ކިތަންމެ ކުޑަނަމަވެސް ބިންކޮޅެއްގެ ދަހިވެތިކަމުގައި އޭރު އަރަބި ލީޑަރުން ދިޔައީ އިނގިރޭސިންނާއި ފަރަންސޭސިންގެ ފަހަތުން އާދޭސް ކުރަމުންނެވެ. އެހެންކަމުން އިނގިރޭސިންނާއި ފަރަންސޭސިންގެ އަތްދަށުގައި ހުރި އަރަބި ބިންތައް ކޮށައި ފޮތިފޮތިކޮށް ސީރިޔާ އާއި ލުބުނާނާއި ޖޯޑަން އާއި އިރާގު ވަކިވަކި ގައުމުތަކެއްގެ ގޮތުގައި އުފައްދައި އަރަބި ވެރިން ހިތްހަމަޖައްސައި ދިނުމަށްފަހު، ފަލަސްތީނުގެ ބިމުގައި އެވަނީ ޔަހޫދީންނަށްޓަކައި އިޒުރޭލުގެ ނަމުގައި ދައުލަތެއް އުފައްދާ ދީފަ އެވެ.

އިޒްރޭލު އުފެއްދުމުގެ މަޝްވާރާއާއެކު ފަލަސްތީނުގެ ބިމުގައި މުސްލިމުންނާއި ޔަހޫދީންނަށް ވަކި ދެ ދައުލަތް އުފެއްދުމުގެ އެއްބަސްވުމެއް ލީގު އޮފް ނޭޝަންސްގެ ބެލުމުގެ ދަށުން އެކުލަވައިލެވުނު ކަމުގައި ވިޔަސް ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އުފެދުނު ޔޫއެންގެ ބެލެނިވެރިކަމުގެ ދަށުން އެމެރިކާ އާއި ރަޝިޔާ އިސްވެ އޮވެ އުފެއްދި އިޒްރޭލު ފިޔަވައި ފަލަސްތީނުގެ ބިމުގައި ދެވަނަ ދައުލަތެއް އުފެދޭ ގޮތެއް ނުވި އެވެ.

ފަލަސްތީނުގެ ބިމުގައި އަރަބި މުސްލިމުންނަށް ވަކި ދައުލަތެއް ގާއިމުކުރަން ގޮވާލައި ބަޔަކު ވާހަކަ ދެއްކި ކަމަށް ވިޔަސް އެކަމާ ހަގީގީ ގުޅުން ހުރި ފަރާތްތަކުގެ އިހުމާލުގެ ސަބަބުން މިއަދު އެއީ ވުމަށް ވުރެ ނުވުން ގާތް ކަމަކަށް ވަނީ ވެފަ އެވެ. އިޒްރޭލުގެ ބާރުގެ ދަށަށް ފަލަސްތީނުގެ މުޅި ބިން ގެންގޮސް އެބިމުގައި ތިބި މުސްލިމުން ކަތިލައި ހުސްކުރަމުން ދާއިރު މެދުއިރުމަތީގެ އަރަބި ގައުމުތައް އޮތީ އެމީހުންނަށް އިނގިރޭސިން އުފައްދައި ދިން ދައުލަތްތައް އަތުން ބީވެދާނެކަމުގެ ބިރުގައި ކުޅި ބަލާށެވެ. އިޒްރޭލް އުފެއްދުމަށް މަގުފަހިކުރުމަށްޓަކައި އިންޖަހައި ވަކިކޮށް އުފެއްދި ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އުފަންވި ސައޫދީ އަރަބިޔާ ވެސް މިކަމަކުން އިސްތިސްނާއެއް ނުވެ އެވެ.