މިއަދު އެކަނި 7،818 މީހަކަށް މުޅި ރާއްޖެއިން ވެކްސިން ދީފި އެވެ.

މިއަދަކީ އެއް ދުވަސް ތެރޭ މިހާތަނަށް އެންމެ ގިނައިން ވެކްސިން ދިން ދުވަހެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 5،998 މީހުންނަކީ މާލެއިން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން 1،820 މީހަކަށް ވެކްސިން ދީފައިވާއިރު، މިއަދު ރިސޯޓްތަކުން ވެކްސިން ޖަހާފައެއް ނުވެއެވެ.

މިހާތަނަށް މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 49،836 އެވެ. އަތޮޅުތަކުން ވެކްސިން ޖެހި ޖުމްލަ އަކީ 14،212 އެވެ. އަދި ރިސޯޓްތަކުން ވެކްސިން ޖަހާފައި ވަނީ ޖުމްލަ 219 މީހެކެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝިލްޑް ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާ އިން ވަނީ ހަދިޔާކޮށްފަ އެވެ. ޑަބްލިއުއެޗްއޯއިން ވެސް އެޕްރޫވްކޮށްފައިވާ މި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިންޑިއާ އިން ހަދިޔާކުރި 100،000 ވެކްސިން ބޭނުން ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި އެ ވެކްސިންގެ އިތުރު ޑޯޒްތަކެއް ވަރަށް އަވަހަށް ގެންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މީގެއިތުރުން ޗައިނާ އިން އުފެދި ސައިނޯފާމް ވެކްސިްންގެ 5000 ޑޯޒް ހެޔޮއެދޭ ފަރާތަކުން ވަނީ ރާއްޖެ ހަދިޔާކޮށްފަ އެވެ. އެ ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ހަދިޔާކުރަން ޗައިނާ އިން ވަނީ ނިންމާފަ އެވެ.

ދުވަހެއް ދުވަހަކަށް ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.