އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހުއާ ގުޅުވައިގެން ޗެނަލް 13 އިން ފަތުރަމުން ދަނީ ދޮގު ވާހަކައެއްކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ޗެނަލް13 ގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ހަބަރުގައި ލިޔެފައި ވަނީ ރޯބުހުތާނު ދޮގު ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދެއްކިޔަސް އޭނާ ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ފައިސަލް ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ލީޑާޝިޕްގައި ތިބި ފަރާތްތަކާމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިތިބީ ރައީސް މުއިއްޒުގެ ތަސައްވަރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް މި ސިނާއަތަށް ގެނެސްދިނުމަށް،" މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި ވެސް ނޫރައިން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ނޫރައިން ޖަނާހު.

އިންތިޒާމްކޮށް ރޭވިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން އެފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތޭރަ އޮންލައިންގައި ގިނަ މަސްދަރުތަކަކާ ހަވާލާދީ ލިޔެފައި ވަނީ އެމްއެމްޕީއާރްސީން ރާއްޖެއިން ބޭރުގައި ބާއްވާ އެކި ހަރަކާތްތަކުގައި ނޫރައިން ބައިވެރިނުކުރަން ފައިސަލް އެންގެވި ސަބަބަކީ ނޫރުއައިން ދުބާއީގައި އޮތް ފެއާއެއްގައި މީޑިއާއަށް ދެއްވި އިންޓަވިއުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، އޭނާގެ ގާބިލުކަމާއި ހުނަރުވެރިކަން ފައިސަލުގެ ނުކުޅެދުންތެރިކަމާއި ނާގާބިލުކަމާ އަޅާކިޔައި ގިނަ ބަޔަކު ފާޑުކިޔުމުން ކަމަށެވެ.

ނޫރައިން ދެއްވި އިންޓަވިއުގެ ސަބަބުން އެތައް ބައެއްގެ ތައުރީފް އޭނާއަށް ވަނީ ލިބިފަ އެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަކަށް ގެންނަންވީ ނޫރައިން ކަމަށެވެ.