ޕޫޖާ ހެގް ވަނީ އޭނާގެ އުމުރުގެ ހަނގުކަމާއެކު ވެސް މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން މިސް އިންޑިއާ ޔުނިވާސްއިން ވަނަ ހޯދުމަށްފަހު އޭނާ އަންނަނީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތަރިންނާއެކު ފިލްމުތަކުގައި މަސައްކަތް ވެސް ކުރަމުންނެވެ.

ދާދިފަހުން ޕޫޖާ މިވަނީ މުންބާއީގެ ބެންޑްރާގައި މޫދު ފެންނަ ހިސާބުން ގެއެއް ގަނެފަ އެވެ. މިއީ އޭނާ އެންމެ ފުރަތަމަ ގަތް ގެ އެވެ. މި ގޭގައި ދިރިއުޅޭނީ ވެސް އޭނާ އެކަންޏެވެ. ނަމަވެސް މިއީ އޭނާގެ މައިންބަފައިންގެ ގެއާ ކައިރި ހިސާބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"މި ގެއަކީ ޕޫޖާގެ "ބޭބީ،" ފިލްމު ޝޫޓިން ތަކުގައި ބިޒީކޮށް އުޅެމުން ވެސް ގެ ޑިޒައިން ކުރުމާއި ފަރުނީޗަރު ވެއްދުމުން ފެށިގެން ގޮސް ހުރިހާ ކަމެއް ވަރަށް ގާތުން ބަލާފައިވޭ،" ޕޫޖާގެ ގާތް މީހަކު ނަން ހާމަނުކުރުމަށް އެދި "ބޮލީވުޑް ހަންގާމާ" އަށް މައުލޫމާތު ދީފައިވެ އެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މީގެ ކުރިން ޕޫޖާ އެކަނި ދިރިއުޅެފައި ނުވާތީ މިއީ އޭނާއަށް މުޅިން އައު ތަޖުރިބާއަކަށް ވާނެ އެވެ.

ޕޫޖާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ރޯހިތް ޝެޓީ ޑައިރެކްޓް ކުރާ ފިލްމު "ސާކަސް" ގައި ރަންވީރް ސިންގާއެކު އޭނާ ފެނިގެންދާނެ އެވެ. މީގެއިތުރުން ސަލްމާން ހާން އާއެކު "ކަބީ އީދް ކަބީ ދިވާލީ" ގައި ވެސް ޕޫޖާ ފެނިގެންދާނެ އެވެ.