ތެހެރާން (މެއި 20) - ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އީރާނުގެ ރައީސް އިބްރާހިމް ރައިސީ އަވާހަރަވުމާ އެކު އެ ގައުމުގެ ވެރިކަމާ ވަގުތީ ގޮތުން މި ވަނީ ފުރަތަމަ ނައިބް ރައީސް މުހައްމަދު މުޚްބިރު ހަވާލުވެވަޑައިގެންފަ އެވެ.

އީރާނުގެ ވެރިކަމަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެ ގައުމުގެ ސިޔާސަތުތަކަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. ސަބަބަކީ އީރާނުގައި ނިންމާ ކަންކަމުގެ އެންމެ ފަހު ބަސް ވިދާޅުވާ ބޭފުޅަކީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ކަމަށްވާތީ އެވެ. ރޫހާނީ ލީޑަރުގެ ރުހުން ނެތް ބޭފުޅަކު އީރާނުގެ ވެރިކަމަށް ވަޑައިގަތުމަކީ ވެސް ނާދިރު ކަމެކެވެ.

އީރާނުގެ ގާނޫނު އާސާސީގައިވާ ގޮތުން ރައީސް އަވާހަރަވެއްޖެ ނަމަ ވަގުތީ ގޮތުން ވެރިކަމާ ހަވާލުވާނީ ފުރަތަމަ ނައިބް ރައީސް އެވެ. އެ ބޭފުޅަކަށް ރޫހާނީ ލީޑަރުގެ ރުހުން އޮންނަން ޖެހެ އެވެ. އީރާނުގެ ފުރަތަމަ ނައިބް ރައީސްގެ ގޮތުން ވަގުތީ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި މުޚްބިރަކީ އޮގަސްޓް، 2021 ގައި ނައިބް ރައީސްގެ މަގާމަށް ރައީސް ރައިސީ އައްޔަން ކުރެއްވި ބޭފުޅެކެވެ.

އީރާނުގެ ފުރަތަމަ ނައިބް ރައީސް މުޚްބަރު

އީރާނުގައި 50 ދުވަސްތެރޭ އާ އިންތިޚާބެއް ބާއްވަންދެން ގައުމު ހިންގެވުމުގައި ހުންނަވާނީ މުޚްބިރެވެ.

ސެޕްޓަބަރު، 1 1955 ގައި އުފަންވަޑައިގެންނެވި އުމުރުފުޅުން 68 އަހަރުގެ މުޚްބިރަކީ ވެސް ރައީސް ރައިސީއެކޭ އެއްގޮތަށް ރޫހާނީ ލީޑަރު ޚާމަނާއީއާ ގާތްބޭފުޅެކެވެ.

މުޚްބިރަކީ އީރާނަށް މިސައިލް ހޯދުމަށް އޮކްޓޯބަރު، 2022 ގައި ރަޝިޔާ އަށް ދިޔަ އީރާން ވަފުދުގެ އިސް ބޭފުޅެކެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން 2010 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަން އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ބޭފުޅުންގެ ތެރޭގައި މުޚްބިރު ހިމެނިވަޑައިގަންނަވަ އެވެ.

ވަގުތީ ރައީސް މުޚްބިރަކީ އީރާން-އިރާގު ހަނގުރާމައިގެ ދުވަސްވަރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ އޮފިސަރެކެވެ.

މުޚްބިރަކީ އިލްމީ ގޮތުން ވަރަށް މޮޅު ބޭފުޅެކެވެ. އެމަނިކުފާން ވަނީ ދެ މާސްޓާސް ޑިގްރީ އާއި ދެ ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ. ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ އިންޖިނޭރިންގެ ދާއިރާއިންނެވެ. ދެ މާސްޓާސްގެ ތެރޭން ފުރަތަމަ މާސްޓާސް ހެއްދެވީ މެނޭޖްމަންޓުގެ ދާއިރާއިންނެވެ. ދެވަނަ މާސްޓާސް ނެންގެވީ ބައިނަލްއަގުވާމީ ހައްގުތަކުގެ ދާއިރާއިންނެވެ. ދެ ޕީއެޗްޑީ ވެސް ހާސިލްކުރައްވާފައި ވަނީ އެ ދެ ދާއިރާއިންނެވެ.