ތެހެރާން (މެއި 20) - ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އީރާނުގެ ރައީސް އިބްރާހިމް ރައިސީ ރޭ އަވަހާރަވުމާ ގުޅިގެން މުޅިން ކަށަވަރު ނުވި ނަމަވެސް ތަފާތު ކޮންސިޕެރެސީ ތިއަރީތައް ވަނީ އުފަންވާން ފަށައިފަ އެވެ. މީގެ ތެރޭން ބައެއް ތިއަރީތަކަކީ ބައެއް މީހުންނަށް ފަސޭހައިން ގަބޫލް ވެސް ކުރެވޭނެ ފަދަ ވާހަކަތަކެވެ.

އަވަހާރަވެފައި ވަނީ އީރާނުގެ ރައީސްގެ އިތުރުން އެ ގައުމުގެ އެންމެ ބާރުގަދަ އެއްބޭފުޅާ ކަމަށްވާ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲ އެވެ. ދެ ބޭފުޅުންނަކީ ވެސް އިޒްރޭލަށާއި އެމެރިކާ އަދި ހުޅަނގަށް ފާޅުގައި، ކެރިވަޑައިގެން ގޮންޖައްސަވަމުން ގެންދެވި ދެ ބޭފުޅުންނެވެ. އެހެންވެ ހެލިކޮޕްޓަރު ވެއްޓުމުގައި ކޮންމެވެސް ބައެއްގެ އަތެއް ވެދާނެކަމުގެ އަޑުތަކެއް ވެސް ވަނީ އަރައިފަ އެވެ.

ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އާޒަބައިޖާން ބޯޑަރު ކައިރީ ބޭއްވި ޑޭމެއް ހުޅުވުމުގެ ރަސްމިއްޔާތަކަށް ފަހު ރައިސީ އެނބުރި ވަޑައިގަންނަވަނިކޮށެވެ. ރައިސީގެ ކޮންވޯއީގައި އިތުރު ދެ ހެލިކޮޕްޓަރު ވެސް ދަތުރުކުރި އެވެ. އެ ދެ ހެލިކޮޕްޓަރު ވަނީ ސަލާމަތުން ތިރިކޮށްފަ އެވެ. ހެލިކޮޕްޓަރު ވެއްޓިފައި ވަނީ މޫސުން ވަރަށް ގޯސް އަދި ދުންފިނި ވަރަށް ބޯ ސަރަހައްދަކަށެވެ. އެހެންވެ ރެސްކިއު ޓީމުތަކަށް އެ ސަރަހައްދަށް ދިއުމަށް 15 ވަރަކަށް ގަޑިއިރު ހޭދަވި އެވެ. ހެލިކޮޕްޓަރުން ބަޔަކު ސަލާމަތްވި ނަމަވެސް އެހާގަދަ ފިނީގައި ގިނައިރު ކެތްކޮށްލުން ވާނީ ދަތި ކަމަކަށެވެ.

އެއް ބަޔަކު ބުނާ ގޮތުގައި މޫސުން ގޯސް އަދި ދުރު ނުފެންނަ ހާލަތެއްގައި ހެލިކޮޕްޓަރު ދަތުރަށް ފެށީ ކީއްވެގެންބާވަ އެވެ؟ ނުވަތަ ހެލިކޮޕްޓަރުގެ ބަދަލުގައި އެއްގަމު މަގުން ނުވަތަ އެހެން ގޮތަކަށް އެ ދަތުރު ނުކުރީ ކީއްވެބާވަ އެވެ؟ ތިން ހެލިކޮޕްޓަރުގެ ތެރޭން ރައީސް އިންނެވި ހެލިކޮޕްޓަރު ވެއްޓި އަނެއް ދެ ހެލިކޮޕްޓަރު ސަލާމަތްވީ ކީއްވެބާވަ އެވެ؟ ރައީސް ދަތުރު ކުރައްވާނީ ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އުޅަނދެއްގައި ނޫންބާވަ އެވެ؟

އީރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ގޮވާފައި.

ރައިސީ، 63، ގެ މައްޗަށް ތުހުމަތުކުރާ އެއްކަމަކީ އެމަނިކުފާން ޕްރޮސެކިއުޓަރަކަށް ހުންނެވި އިރު 1988 ގައި ސިޔާސީ އެތައް ބަޔަކަށް މަރުގެ އަދަބު ތަންފީޒު ކުރުމެވެ. އެކަމުގެ ނުރުހުން ބައެއް މީހުންގެ ހިތުގައި ރައިސީގެ މައްޗަށް އޮވެ އެވެ.

އީރާނުގައި ޔުރޭނިއަމް ފައްކާކުރުމުގެ ޕްރޮގްރާމުގެ އެންމެ އިސް މޭސްތިރިއަކީ ރައިސީ އެވެ. އިޒްރޭލަށް މިދިޔަ މަހު ޑްރޯނާއި މިސައިލް ހަމަލާތައް ދީފައި ވަނީ ރައިސީގެ ބެއްލެވުމުގެ ދަށުންނެވެ.

ޚާރިޖީ ވަޒީރު އާމިރު އަބްދުﷲ އަކީ ވެސް އީރާނުގެ ޕެރަމިލިޓަރީ ގާޑާ ވަރަށް ބޮޑަށް ގުޅުން އޮންނަ ހުޅަނގާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާ އާއި ހުޅަނގާ އެކު ބޭއްވި މަޝްވަރާތަކުގެ އިސް މުޝީރަކީ އޭނާ އެެވެ.

އީރާނުގެ އެންމެ ވަރުގަދަ ދެ ބޭފުޅުން އަވަހާރަވުމުން އެކަމުގައި ބޭރު ގައުމުގެ އަތެއް ނުވަތަ އީރާނުގެ ތެރޭން ދުޝްމަނުންގެ އަތެއް ވެދާނެ ކަމަށް ވާހަކަތައް ދެކެވެން ވަނީ ފަށައިފަ އެވެ.

އީރާނުގެ ރައީސް އާއި ފޮރިން މިނިސްޓަރު (ކ)ގައި

"ދި އިކޮނޮމިސްޓް" ގެ ރިޕޯޓެއްގައިވާ ގޮތުން އީރާނުގެ ބައެއް މީހުންގެ ދުޝްމަނުންގެ ލިސްޓުގައި ރައިސީ ހިމެނެ އެވެ. އެހެންވެ ރައީސީގެ ދުޝްމަނުން އަބަދުވެސް ބަލަމުން ދިޔައީ ބަދަލު ހިފުމަކަށް ކަމަށް ބުނެފައިވެ އެވެ.

އިޒްރޭލުގެ އަތެއް؟

"ދި އިކޮނޮމިސްޓް" ގެ ރިޕޯޓުގައިވާ ގޮތުން ރައިސީ އަވަހާރަވުމުގައި އިޒްރޭލުގެ އަތެއް ނުވެދާނެ ކަމަށް ނިންމައިގެން ނުވާނެ އެވެ. ސަބަބަކީ މި ދެ ގައުމަކީ ޒަމާނުންސުރެ ދެ ހަތުރުން ކަމުގައިވާތީ އެވެ.

މިދިޔަ މަހު ދެ ގައުމުން ވަނީ ހަނގުރާމައެއް ފެށިދާނެ ފަދަ ހާލަތަކަށް ގޮސްފަ އެވެ. ސީރިއާގައިވާ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ހަމަލާދީ އީރާނުގެ ޖެނެރަލަކު އަވަހާރަކޮށްލުމުން އޭގެ ބަދަލު ހިފުމަށް އީރާނުން ވަނީ އިޒްރޭލަށް މިސައިލް ހަމަލާ ދީފަ އެވެ. އިކޮނޮމިސްޓުގެ ރިޕޯޓުގައިވާ ގޮތުން އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދަކީ ދުޝްމަނުން އަވަހާރަކޮށްލުމުގައި އަރާހުރި ބައެކެވެ. އިޒްރޭލް އަޑީގައި އޮވެގެން މީގެ ކުރިން ވަނީ އީރާނުގެ އެތައް ނިއުކްލިއާ ސައެންޓިސްޓުންނެއް އަވަހާރަކޮށްލައިފަ އެވެ. އެކަމަކު އީރާނުގެ ރައީސް އަވަހާރަކޮށްލުމުގައި އިޒްރޭލުގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ނިންމުން އަދި އަވަސްކަމުގައި ނޫހުން ބުނެފައިވެ އެވެ. އިޒްރޭލުގެ ކުޑަވެސް ބައިވެރިވުމެއް އޮތްކަން ސާބިތުވެއްޖެ ނަމަ އީރާނުން ދޭނެ ބަދަލު ހިފުމުގެ ރައްދުގެ ހަރުކަށިކަން އިޒްރޭލަށް އެނގޭނެ އެވެ.

އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު އުދުހެނީ. މިއީ އެ ހެލިކޮޕްޓަރު ނައްޓާލިތާ ކުޑަ ވަގުތުކޮޅެއް ކުރިން ނެގި ފޮޓޯއެއް.

އިޒްރޭލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރައިސީ އަވަހާރަވުމުގައި އެ ގައުމުގެ ބައިވެރިވުމެއް ނެތެވެ. އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ ވެސް ވިދާޅުވެފައިވާ ގޮތުގައި ރައިސީ އަވަހާރަވުމުގައި އެހެން ގޮތަކަށް ވިސްނުމުގެ ފުރުސަތެއް ނެތެވެ.

ދެން ކަންތައް ވާނީ ކިހިނެއް؟

އީރާނުގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒާއި ބާރު ހުރި ދެ ބޭފުޅުން އަވަހާރަވެފައި މި ވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ހަމަލާތައް ދޭތާ ހަތް މަސް ދުވަސް ހޭދަވެފައި ވަނިކޮށެވެ. އީރާނަކީ އިޒްރޭލަށް ކަނޑައެޅިގެން ފާޅުގައި ދެކޮޅު ހަދާ ގައުމެކެވެ. ރައިސީ އަށް ފަހު އީރާނުގެ ވެރިކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ފުރަތަމަ ނައިބް ރައީސް މުހައްމަދު މުޚްބަރެވެ. އޭނާ އަށް މަގާމު ކަށަވަރު ވާނީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ރުހުމާ އެކު އެވެ. އެހެންވެ އީރާނުގެ ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް ސިޔާސަތުތަކަށް ބަދަލެއް ނާންނާނެ އެވެ. ސަބަބަކީ އީރާނުގައި ކަންކަމުގައި އެންމެ ފަހު ބަސް ވިދާޅުވާ ބޭފުޅަކީ ޚާމަނާއީ ކަމަށްވާތީ އެވެ.

ރައީސް އަވަހާރަވުމުން 50 ދުވަސް ތެރޭ އީރާނުގައި އާ އިންތިޚާބެއް ބާއްވަން ޖެހެ އެވެ.

އުމުރުފުޅުން މިހާރު 83 އަހަރުގެ ޚާމަނާއީގެ ބަދަލުގައި އީރާނުގެ ރޫހާނީ ލީޑަރުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ބޭފުޅަކީ ރައީސް ރައިސީ އެވެ.