މިދިޔަ މަހުގެ 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށައަޅާފައިވަނީ 52 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ މާލީ ބަޔާން ހުށައެޅި 52 ކެންޑިޑޭޓުންގެ ތެރެއިން 38 މީހުންނަކީ ޕާޓީތަކުން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށެވެ. އަދި މާލީ ބަޔާން ހުށައެޅި 14 މީހުންނަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށް ވެސް އީސީ އިން ބުނެ އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ހަދާފައިވާ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ޖެހޭނެ އެވެ. ވީމާ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މާލީ ބަޔާން ހުށައަޅަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެ ގާނޫނުގައިވާ ގޮތުން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅާއިރު ފައިސާއާއި މުދާ ހިމެނޭ ގޮތުން އިންތިޚާބާ ގުޅިގެން އެ ކެންޑިޑޭޓެއް ކޮށްފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލު ހުށައަޅަންޖެހޭނެ އެވެ. އަދި އިންތިޚާބުގައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭ ގޮތަށް އެ ޚަރަދުތަކުގެ ތަފްސީލު ވެސް ހުށައަޅަންޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ. ހަމައެއާއެކު އިންތިޚާބަށް ޚަރަދުކުރުމަށް ފައިސާ ހޯދިގޮތުގެ ތަފްސީލާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާއާއި ތަކެތި ދިން ފަރާތްތަކާ އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލު ވެސް މާލީ ބަޔާނުގައި އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ގާނޫނުގައި ބުނާ މުއްދަތަށް މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ގާނޫނުގެ 74 ވަނަ މާއްދާގައި އޮންނަ ގޮތުން ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެކެވެ. އަދި އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި، 24،000 ރުފިޔާއާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރި އެވެ. މި އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.