ކޮވިޑް ވެކްސިން ޖެހުމުން ހާލުދެރަވެ، އުމުރުން 93 އަހަރުގެ މީހަކު މަރުވިކަން އެޗްޕީއޭއިން ޔަގީންކޮށްދީފި އެވެ.

އެޗްޕީއޭއިން މިއަދު ބުނިގޮތުގައި ނިޔާވި މީހާއަކީ އެކި ބަލިތައް ބޭސްކުރަމުންދިޔަ މީހެކެވެ. އަދި އެ މީހަކީ އެނދުމަތި ކުރެވިފައިވާތާ 10 ވަރަކަށް އަހަރު ވެފައިވާ މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ އެ މީހާއަށް ވެކްސިން ދިނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން އަމަލުކުރާ ޕްރޮޓޮކޯލްގެ ދަށުން، އެ މީހާ މަރުވި ސަބަބު ހޯދުމަށް ކުރަންޖެހޭ ތަހުގީގު ފުރިހަމަކުރުމަށްފަހު، އެ ހާދިސާއާ ބެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ވެކްސިން ޖެހުމުން މަރުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ކާފަ، ދަނޑު އަލިބެ އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ދިން ނަމަވެސް، އެކަމާ ގުޅުން ނެތި ވެސް މީހުން މަރުވާ ކަމަށެވެ.