އެމެރިކާގެ ޓެކްސަސް އަށް ކުރިމަތިވެފައިވާ ފިނީގެ ތޫފާނުގެ ތެރޭގައި މެކްސިކޯގެ ރިސޯޓަކަށް ޗުއްޓީ ހޭދަކުރައްވަން ވަޑައިގަތުމުން، ސެނެޓަރު ޓެޑް ކްރޫޒަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ކްރޫޒް ވިދާޅުވިގޮތުގައި މެކްސިކޯއަށް އެ ދަތުރުކުރެއްވީ އޭނާގެ ދަރިން ހިތްހަމަ ޖެއްސުމަށެވެ.
"އެއީ ހެދުނު ބޮޑު ގޯހެއް. ކުރިއަށް އޮތްތަނުގައި އެކަހަލަ ކަމެއް ނުކުރާނަން،" ހައުސްޓަންއަށް އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކްރޫޒް ވިދާޅުވި އެވެ.
ކްރޫޒް ވިދާޅުވީ ކުރިން ޕްލޭންކޮށްގެން ހުރީ މެކްސިކޯގައި ހަފްތާއެއްހާ ދުވަސް ހޭދަ ކުރަން ނަމަވެސް "ފްލައިޓްގައި އިށީނދެވުނު ތަނާ އެ ވިސްނުން ބަދަލުވެ" ދެވަނަ ވިސްނުމަކަށް ދިޔަ އެވެ.
ޑިމޮކްރެޓިކް ޕޮލިޓިކަލް ގްރޫޕެއް ކަމަށްވާ އެމެރިކަން ބްރިޖަށް ލިބިފައިވާ މެސެޖްތަކެއްގައި ވާގޮތުން ކްރޫޒްގެ އަންހެނުން ހެއިޑީ ވަނީ އެ ދަތުރުގައި އެމީހުންނާއެކު މެކްސިކޯއަށް ދިއުމަށް އަވައްޓެރިންނަށް ދައުވަތުދީފަ އެވެ.
ޓެކްސަސްގައި ދިރިއުޅޭ އެތައް ބައެއް މި ފިނީގެ ތޫފާނާއެކު ހާލުގައި ޖެހިފައިވަނިކޮށް، 2024 ވަނަ އަހަރު ރައީސްކަމަށް ވާދަކުރާނެ ކަމަށް އުންމީދުކުރެވޭ ކެންޑިޑޭޓެއް ކަމަށްވާ ޓެޑް ކްރޫޒް ޗުއްޓީއަކަށް ވަޑައިގަންނަވަން އެއާޕޯޓުގައި ހުންނެވި ފޮޓޯތަކަށް ވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ފާޑުކިޔަމުންދާ ބައެއް މީހުން ބުނަމުންދަނީ 26 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިން ހުރި މި ރިސޯޓްގައި ޗުއްޓީ ހޭދަކުރަން ދާން ނިންމީ ކްރޫޒް ކަމަށާއި އޭނާގެ ދެ އަންހެން ދަރިން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. މި ކަމާ ގުޅިގެން ޓެކްސަސް ޑިމޮކްރެޓިކް ޕާޓީން ވަނީ ކްރޫޒްގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.
މި ފިނީގެ ތޫފާނުގެ ސަބަބުން ޓެކްސަސްގައި ކަރަންޓު ގޮސް، ފެންލިބުމުގައި ދަތިތައް ދިމާވެފައިވާ އިރު ފިނިހޫނު މިން ވަނީ ވަރަށް ބޮޑަށް ދަށަށް ވެއްޓިފަ އެވެ.
ބުދަ ދުވަހު އެކަނި ވެސް ޓެކްސަސްގެ 2.7 މިލިއަން ގޭގައި ހީޓަރު ޖެއްސޭނެ ގޮތެއް ވެސް ނެތެވެ. މިއާއެކު ފެން ލިބުމުގައި ދަތިތައް އުޅޭތީ ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ ހޮސްޕިޓަލްތަކުގެ މަސައްކަތަށް ވެސް ބުރޫ އާރާފާނެ ކަމުގެ ބިރު ހީވާން ވަނީ ފަށާފަ އެވެ.
ޑިސެމްބަރު މަހުގެ ތެރޭގައި ކްރޫޒް ވަނީ ޓެކްސަސްގެ މޭޔަރު، ސްޓެފަން އެޑްލާ މެކްސިކޯއަށް ދިއުމުން މި ޕެންޑެމިކްގެ ތެރޭގައި ދަތުރުކުރާ ކަމަށް ބުނެ ފާޑުކިޔާފަ އެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް ދަތުރު ނުކުރަން އޭނާ ވަނީ އެހެން މީހުންނަށް އިލްތިމާސްކުރައްވާފަ އެވެ.