މާފަންނު ގެސްޓްހައުސްއެއްގައި ނޭޕާލްގެ ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް ފުލުހުން ރޭ ސަލާމަތްކޮށްފި އެވެ.

މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓްހައުސްއެއްގައި އެ މީހާ ގެންގުޅޭތާ، ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށްވެ އެވެ.

ފުލުހުން ބުނީ އޭނާ ކިޑްނެޕްކޮށްގެން ގެންގުޅޭ މައްސަލަ ރިޕޯޓްކުރީ އިއްޔެ ކަމަށެވެ. އަދި އެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން އެތަނަށް ގޮސް އޭނާ ސަލާމަތްކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ގެސްޓް ހައުސްގައި، ފުލުހުންގެ އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެންމެ ސީރިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ، މި މައްސަލައިގައި މިހާތަނަށް ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފިރިހެން މީހާ ސަލާމަތްކޮށް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެނގިފައިވާ ގޮތުގައި އެމީހާގެ ހާލު ރަނގަޅެވެ.