މިއަދު ފެށުނު ދިރާސީ އާ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެފައި ނުވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ދިރާސީ އާ އަހަރު މިއަދު ފެށުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އާ ދިރާސީ އަހަރެއް ފެށުމުން އެކަމަށް މިނިސްޓްރީން ތައްޔާރީތައް ވެފައި ނެތުމުން ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.

ސްކޫލު ހުޅުވުނު އިރު ދަރިވަރުން ކިޔެވުމަށް ބޭނުންވާ ފޮތްތައް ހަމަނުވުމުގެ ޝަކުވާ ބެލެނިވެރިން ކުރަމުންދާ ކަމަށާއި، ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިކަމާ ނުރުހިގެން މީސް މީޑިއާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް ލިބެމުން އަންނަ ކަަމަށް އެމްޑީޕީން ބުންޏެވެ.

" ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއް ނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅި ތަރުތީބަށް ނުހަނު ބޮޑެތި ގެއްލުން ލިބެމުން ދާކަން ހިތާމައާއެކު ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ، ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލި ކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވާން އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.