ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

މި ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:00 ގަ އެވެ. މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށްޓަކައި މާދަމާ ހެނދުނު 10:15 ގައި ޖަލްސާއެއް ބާއްވާނެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިސް އިންތިހާބަށް ފަހު އާ މެންބަރުން ބައިވެރިވާ އެންމެ ފުރަތަމަ ޖަލްސާގައި މެންބަރުންގެ ސިއްރު ވޯޓަކުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ޖެހެ އެވެ.

މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރުންނަށް ބޭއްވި އިންޑަކްޝަން ޕްރޮގްރާމް ގެ ތެރެއިން

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. ސިޔާމް މިހާތަނަށް ވަނީ މަޖިލީހުގެ ހަތަރު ދައުރު ފުރިހަމަކޮށްފަ އެވެ. އަދި ފަސްވަނަ ދައުރަކަށް ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.

މާދަމާ މަސައްކަތް ފަށާ 20 ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

މި މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައި ވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީންނެވެ. އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 75 މެންބަރުން މަޖިލީހުގައި ތިއްބަވާނެ އެވެ. މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި 10 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރެކެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ރައީސް މުއިއްޒު ވަނީ ހުށަހަޅުއްވާފަ އެވެ.

މީގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންނަނީ ވަމުންނެވެ. އެގޮތުން، އަލަށް އިންތިޚާބުވި މެންބަރުން މަޖިލީހުގެ ވޯޓިން ސިސްޓަމަށް އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަނެއް ވަނީ ބާއްވާފަ އެވެ.