މިއަދު ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވައިދު އެކުލަވާލާ ނިމެންދެން ނިމިދިޔަ 19 ވަނަ މަޖިލީހުގެ ގަވައިދަށް އަމަލު ކުރަން މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ފަހު، މެންދުރުފަހު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރިޔާސަތުގައި އިންނަވައިގެންނެވެ.

ނާޒިމް ވިދާޅުވީ، މަޖިލީސް ހިންގާނެ އުސޫލުތަކާއި ގަވައިދުތައް ކަނޑައަޅަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އާ މަޖިލީހުން އެ ގަވައިދުތައް ކަނޑައަޅާ ނިމެންދެން މަޖިލީހުގެ މަސައްކަތް ހުއްޓާލާފައި ނުބޭއްވޭނެ ކަމަށެވެ.

މި ހުށަހެޅުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް އެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ޕީއެންސީގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު އެވެ.

މިހުށަހެޅުމަށް ވޯޓަށް އެހުމުން ފަލާހްގެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 90 މެންބަރުންގެ އިއްތިފާގުންނެވެ.

ފަލާހުގެ ހުށަހެޅުމުގައި ވަނީ 20 ވަނަ މަޖިލީހުގެ ގަވައިދުގެ އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ އާންމު ކޮމިޓީއަށް ހަވާލުކުރުމަށާއި އެ ކޮމިޓީން ކުރިއަށް އޮތް ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އާ ގަވައިދު އެކުލަވާލާ ތަޅުމަށް ހުށަހެޅުމަށެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭގޮތުންވެސް މަޖިލީހުން މިއަދު ހުށަހެޅުމެއް ފާސްކުރި އެވެ. އެގޮތުން ފަލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ 13 މެންބަރުންގެ މައްޗަށް އެކުލަވާލުމަށާއި މަޖިލީހުގެ އާންމު އެހެން ކޮމިޓީތައް 11 މެންބަރުންގެ މައްޗަށް އެކުލަވާލުމަށެވެ. އަދި މެންބަރުން ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ކޮމިޓީތައް އެނގޭ ގޮތަށް ކުރިއަށް އޮތް ޖޫން މަހުގެ ދެވަނަ ދުވަހުގެ ކުރިން ނަންތައް ފޮނުއްވާ ދިނުމަށެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ފަލާހުގެ ދެވަނަ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.

މިހުށަހެޅުމަށް ވޯޓަށް އެހުމުން ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވީ 19 ވަނަ މަޖިލީހަށް ހުށަހަޅާފައިވާ މުހިއްމު މައްސަލަތަކާއި ބިލްތައް 20 ވަނަ މަޖިލީހަށް ނަގުލުވާނެ ކަމަށެވެ. އެހެންވެ އެ މައްސަލަތަކާ މެދު 20 ވަނަ މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.