އިސްތަންބޫލް (ޖޫން 2) - ތުރުކީގައި ޕްލާސްޓިކް ސާޖަރީ ހެދުމަށް ފަހު މީހެއްގެ އުމުރަށް ވުރެ އެތައް ތަނެއް ޒުވާންކޮށް ފެންނަ ގޮތަށް ބަދަލުކޮށްލައިފި އެވެ.

ސާޖަރީގެ ކުރިން އެ މީހާ ހުރި ގޮތާއި ސާޖަރީ އަށް ފަހު ހުރި ގޮތުގެ ފޮޓޯތައް އިންސްޓަގްރާމުގައި ވަނީ ޝެއާކޮށްފަ އެވެ. ބައެއް މީހުން ކޮމެންޓް ކުރި ގޮތުގައި ބަލާ ބެލުމަށް އެ މީހާ ފެންނަނީ 30 އަހަރު ހަގު ކަމަށެވެ. ފޮޓޯގެ ކެޕްޝަނުގެ ސާޖަނުން ލިޔެފައި ވަނީ މައިކަލް ނަމަކަށް ކިޔާ އެ މީހާގެ މޫނުގެ ސާޖަރީ ހެދުމުގައި ވަރަށް ގިނަ ޕްރޮސީޖާތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭގެތެރޭގައި ފޭސްލިފްޓް، ލޮލުގެ ބޮނޑިމަތީގެ އޮޕަރޭޝަން، ނޭފަތުގެ އޮޕަރޭޝަން އަދި ބޮލުގައި އިސްތަށި އިންދުން ހިމެނެ އެވެ. އަދި އޭނާގެ މޫނުން ވަނީ ވަރަށް ބައިވަރު ފެޓް ނުވަތަ ސަރުބީ ނަގައިފަ އެވެ.

ސާޖަރީ އަށް ފަހު މައިކަލް ހުރި ގޮތުގެ ފޮޓޯތައް އިންޓަނެޓުގައި އާއްމުކުރުމާ އެކު ބައެއް މީހުން ބުނެފައި ވަނީ އެއީ ގަބޫލްކުރަން ވެސް ދަތި ބަަދަލެއް ކަމަށެވެ. އަދި އަނެއް ބަޔަކު ވަނީ އެއީ އެކަކުތޯ ބެލުމަށް ފިންގަޕްރިންޓް ޗެކްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ތުރުކީގައި ޕްލާސްޓިކް ސާޖަރީ ހެދި މީހާ އަށް އައިސްފައިވާ ބަދަލު

ތުރުކީގައި ޕްލާސްޓިކް ސާޖަރީ އަށް ފަހު މީހުންގެ ސިފަ ބަދަލުވެގެން ސަމާލު ކަމަށް އައިސްފައި ވަނީ މައިކަލްގެ ފޮޓޯ އެކަންޏެއް ނޫނެވެ. މިދިޔަ އަހަރުގެތެރޭގައި ވަނީ މެދު އުމުރުގެ މީހެއްގެ މެޑިކަލް ޕްރޮސީޖާ އަށް ފަހު އެ މީހާ މާ ޒުވާން، މާ ރީތި މީހެއްގެ ގޮތުގައި ފެންނަ ފޮޓޯތަކެއް ވެސް އާއްމުކޮށްފަ އެވެ.